2023 ވަނަ އަހަރުގެ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 111 ކުއްޖަކަށް އާއިލީ މާހައުލެއް ހޯދައިދެވިފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި 17 ނޮވެމްބަރު 2023 ގައި މި ސަރުކާރު ހަވާލުވިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އަމާންވެށިތަކުގައި ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން ތިއްބެވެ. ނަމަވެސް، ކުރެވުނު މަސައްކަތުން މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 152 ކުދިން ކަމަށާއި، އޭގެ ތެރެއިން ބޮޑު އަދަދެއްގެ ކުދިންނަށް އާއިލީ ވެށި ކަށަވަރުކޮށްދެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ކޮންމެ ކުއްޖަކަށް އާއިލާއެއް“ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި އެންމެ މުހިއްމު އެއް ސިޔާސަތުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސިޔާސަތުގެ ދަށުން ކުދިން ފޮސްޓާ ކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. މީގެ ސަބަބުން ކުދިންނަށް ލޯތްބާއި އޯގާތެރިކަން ލިބި، މުޅި މުޖުތަމައަށް އޭގެ ފައިދާ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގިނަ އާއިލާތަކުން ކުދިންނާ ހަވާލުވަނީ ހޮސްޕިޓަލްގެ ތެރެއިން ކަމަށާއި، މިނިސްޓްރީން މިހާރުވެސް 2,500 އަށްވުރެ ގިނަ އާއިލާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އާއިލާތަކާ ގުޅިގެން މަސައްކަތް ކުރުމަކީ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ކުއްޖަކު އުފަންވުމަށްފަހު އެކި ސަބަބުތަކާހުރެ ރައްކާތެރި ނޫން މާހައުލެއްގައި އުޅެންޖެހޭ ނަމަ، އެ ކުއްޖަކު ހެދިބޮޑުވުމަށް އެންމެ އެކަށޭނަ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމު ވިދާޅުވިއެވެ.

