ދިވެހިރާއްޖޭގެ މަސްރަހަށް ބަލާއިރު، ސިޔާސީ ކަންކަމަކީ އާންމުންގެ މެދުގައި އެންމެ ބޮޑަށް ބަހުސްކުރެވޭ އަދި ސަމާލުކަން ހުއްޓޭ ކަންކަމެވެ. ނަމަވެސް މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތާއި ކުރިމަތިވަމުންދާ ތަކުލީފުތަކަށް ދެވޭ ސަމާލުކަން ކުޑަވާކަމުގެ އިހުސާސް ގިނަ ބަޔަކަށް ކުރެވެއެވެ. މަޖިލީހުގެ ތަޅުމުގައި ހިނގާ ބަހުސްތަކާއި ސިޔާސީ ލީޑަރުންގެ މެދުގައި އުފެދޭ ހިޔާލުތަފާތުވުންތަކުން ސިޔާސީ މާހައުލު އަބަދުވެސް އޮންނަނީ ހަލަބޮލިވެފައެވެ. ޑިމޮކްރަސީއެއްގައި މިފަދަ ސިޔާސީ ހަރަކާތްތަކަކީ މުހިންމު ކަންކަމަށް ވީނަމަވެސް މި ކަންކަމުގެ ފޯރިގަދަވެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަސަރުކުރާ މުހިންމު މައްސަލަތައް އޮންނަނީ ސިޔާސީ އޮއިވަރުގެ ތެރޭގައި ފޮރުވިފައެވެ.
މުޅި ރާއްޖެއަށް ބަލާއިރު، ރައްޔިތުންނަށް ދަނީ އަމަލީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވަމުންނެވެ. ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވަމުންދިއުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ހާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ކުލި ބޮޑުވުމަކީ އާއިލާތަކަށް އޮތް ވަރަށް ބޮޑު ބުރައެކެވެ. މީގެ އިތުރުން ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ ޒުވާނުންނަށް ދާއިމީ ވަޒީފާ ހޯދުމުގައި ހުރި އުނދަގޫތަކަެ ރަށްރަށުގައި ސިއްހީ ހިދުމަތާއި ތައުލީމުގެ ފެންވަރު އެއްހަމައެއްގައި ނެތުމަކީ ހައްލު ބޭނުންވެފައިވާ ކަންކަމެވެ. މިއީ ދާއިމީ ސިޔާސަތުތަކެއްގެ ދަށުން މެދުނުކެނޑި މަސައްކަތް ކޮށްގެން މެނުވީ ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫނެވެ.
އެހެންނަމަވެސް ގިނަ ފަހަރަށް އާންމުންގެ ސަމާލުކަން މިފަދަ އަސާސީ ކަންކަމުން އެހެން ދިމާލަކަށް އަނބުރާލެވެއެވެ. ހާއްސަކޮށް ސޯޝަލް މީޑިއާ އާއި ހަބަރު ފަތުރާ ވަސީލަތްތަކުން ސިޔާސީ ކޯޅުންތަކަށް ބޮޑު އިސްކަމެއް ދެނީ އެފަދަ ކަންކަމަށް އާންމުންގެ ޝައުގުވެރިކަން ބޮޑުވާތީއެވެ. ސިޔާސީ ބަހުސްތައް ފޯރިގަދަވާ ވަރަކަށް ގައުމުގެ އިގްތިދަދީ އިސްލާހީ ބަދަލުތަކާއި އިޖުތިމާއީ ދަތކަމާއި އުމްރާނީ ތަރައްގީގެ މުހިންމު ވާހަކަތަކުގެ އަޑު އޮންނަނީ ފަނޑުވެފައެވެ. މި ހަމަހަމަކަން ގެއްލުމުގެ ނަތީޖާއަކީ ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ބޭނުންވާ ސަމާލުކަމާއި ވަގުތު އެކަށީގެންވާ ގޮތެއްގައި ނުލިބުމެވެ.
ސިޔާސީ ނުތަނަވަސްކަން ދިގުލައިގެން ދިއުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ބުރޫއަރައި މަސައްކަތްތައް ލަސްވެދާނެ ކަމެކެވެ. އިސްކަންދޭ ކަންކަން ބަދަލުވަމުންދާ މިންވަރަކަށް ސިޔާސަތުތައް ކަނޑައެޅުމުގައި ލަސްވުންތަކެއް އައިސް ނުވަތަ ނިންމާފައިވާ ނިންމުންތަކަށް ބަދަލުތަކެއް ގެންނަން ޖެހިދާނެއެވެ. މީގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކަށާއި އާންމު ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިފަދަ ހަމަނުޖެހުންތައް ތަކުރާރުވުމަކީ ސިޔާސީ ހަރަކާތްތަކާއި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އަންނަންޖެހޭ ހަގީގީ ކުރިއެރުމާ ދެމެދު އޮތް ފަރަގު ބޮޑުވެ ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ.
މި ގޮންޖެހުންތަކާއެކުވެސް ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ދާއިރާތަކާމެދު އާންމުންގެ ހޭލުންތެރިކަން ދަނީ އިތުރުވަމުންނެވެ. މަދަނީ ޖަމިއްޔާތަކާއި އާންމު ރައްޔިތުން ދަނީ ޒިންމާދާރުކުރުވުން އިތުރުކުރުމަށާއި ހަގީގީ މައްސަލަތަކަށް ހައްލު ހޯދުމަށް ބާރުއަޅަމުންނެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުންދާއިރު މިއަދު އުފެދޭ އެންމެ ބޮޑު ސުވާލަކީ ސިޔާސީ ދެބަސްވުންތަކުން ދުރުވެ ރައްޔިތުންގެ ދިރިއުޅުމުގެ ހަގީގީ ހާލަތަށް ސަމާލުކަން އަނބުރާލެވިދާނެތޯއެވެ. ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މާނަހުރި ކުރިއެރުމެއް ބިނާވެފައިވަނީ ހަމައެކަނި ސިޔާސީ ހަމަޖެހުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އެންމެ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް ދާއިމީ ސިފައެއްގައި ކުރެވޭ އިހުލާސްތެރި މަސައްކަތްތަކުގެ މައްޗަށެވެ.

