ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޔާސީ ގޮތުން ގެއްލުންވުމުގެ ފުރުސަތު އޮތް ކަމެއް ނަމަވެސް، އެމަނިކުފާނު އިސްކުރެއްވީ ގައުމީ މަސްލަހަތު ކަމަށް މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ “ ހަބަރައްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، މި ވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެ ބޭފުޅާ ނަމަ، ކުރިއަށް އޮތް ދައުރަށް ދެ އިންތިހާބު އެކުގައި ބޭއްވުމަށް އިސްނުނަންގަވާނެ ކަމަށެވެ.
މީގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މިހާރުގެ ރައީސަށް މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީގެ ސަބަބުން، ވަކިން އިންތިހާބު ބާއްވާ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމޭއިރު ވެސް މިހާރު އޮތް މަޖިލީސް އޮންނާނެތީއެވެ.
”މީގެ ސަބަބުން ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ކެބިނެޓްގެ މަސައްކަތްތަކާއި ބާކީ ކުރަން ހުރި މަސައްކަތްތައް ފަސޭހަކަމާއެކު ނިންމާލެވެން އޮންނާނެ“
ނަމަވެސް 2028 ވަނަ އަހަރު ދެ އިންތިހާބު އެކުގައި ބާއްވައިފި ނަމަ، މަޖިލީހުގެ އަގުލަބިއްޔަތު ލިބޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް ތާއިދުކުރައްވާ ސަބަބު ހާމަކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، އަމިއްލަފުޅަށް ގެއްލުންވުމުގެ ފުރުސަތު އޮތް ނަމަވެސް ގައުމުގެ ހަރަދުތައް ކުޑަކުރުމަށާއި ގައުމީ މަސްލަހަތަށްޓަކައި މިފަދަ ނިންމުމެއް ނިންމެވުމުން އެމަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި މިއީ މުށުތެރެއަށް ބާރުތައް ޖަމާކުރުމުގެ ފުރުސަތެއް އޮތް ކަމެއް ނޫން ކަމަށާއި، ޖުޑީޝަރީއާއި މަޖިލީސް އަދި އެގްޒެކިއުޓިވް ބާރުތައް އޮންނާނީ މިހާރެކޭވެސް އެއްގޮތަށް ވަކިވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ރައްޔިތުންގެ ގާތަށް ދާންޖެހޭ ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި މަޖިލީހުގެ ދައުރަކީ ވެސް 5 އަހަރު ކަމަށްވެފައި، މި ބަދަލުގެ ސަބަބުން މަޖިލީހުގެ ދައުރު 6 މަސް ދުވަހަށް ކުރުވާތީ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. އެހެންކަމުން ގާނޫނީ ގޮތުން މި ބަދަލު ގެނައުމަށް ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

