ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އާދަޔާޚިލާފު ހިތްވަރުގަދަ ވާހަކައެއް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލްމީޑިއާ މަންސަތަކުގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯއިން ފެނިގެންދަނީ އެމެރިކާގެ ޝޭ ޓޭލާ-އެލެން، އޭނާ ކުރިން ކުނިކަހައި ސާފުކުރަން އުޅުނު ހޮސްޕިޓަލަށް ޑޮކްޓަރެއްގެ ގޮތުގައި އެނބުރި ދިޔުމުގެ ފުރުސަތު ލިބިގެން އުޅޭ އުފާވެރި މަންޒަރެވެ.
ޝޭގެ މި ދަތުރު ފެށުނީ އުމުރުން އެންމެ 18 އަހަރުގައި އެމެރިކާގެ މަޝްހޫރު ”ޔޭލް ނިއު ހެވަން ހޮސްޕިޓަލް“ އިންނެވެ. އެތަނުގެ ސާފުތާހިރުކަމުގެ މަސައްކަތުގައި އޭނާ ގާތްގަނޑަކަށް 10 އަހަރު ދުވަސް ހޭދަކުރިއެވެ. ބަލިމީހުން ބާއްވާ ކޮޓަރިތަކާއި ހޮސްޕިޓަލުގެ ފެންޑާތައް ސާފުކުރުމުގައި އޭނާ ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް، އޭނާގެ ހިތުގައި އަބަދުވެސް އޮތީ ސިއްހީ ދާއިރާއިން ކުރިއަށް ދިއުމުގެ ބޮޑު އުންމީދެކެވެ.
އޭނާގެ ދިރިއުޅުމުގެ މިސްރާބު ބަދަލުވެގެންދިޔައީ، އޭނާގެ މަންމަ ވަރަށް ބޮޑަށް ބަލިވެ، ޑޮކްޓަރުންނަށް ބަލި ދެނެގަތުމަށް ދަތިތަކަކާ ކުރިމަތިވި ހިސާބުންނެވެ. އެ ހިތްދަތި ތަޖުރިބާގެ ސަބަބުން، ބަލިމީހުންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ މޮޅު ޑޮކްޓަރަކަށް ވުމުގެ އަޒުމު އޭނާގެ ހިތުގައި ވަރުގަދަވިއެވެ.
މާލީ ދަތިތަކާއި ވަޒީފާގެ ބުރަ މަސައްކަތާއެކުވެސް، ޝޭ އޭނާގެ ކިޔެވުން ހުއްޓައެއް ނުލައެވެ. ވަޒީފާ އަދާކުރަމުން ކިޔަވައި، އޭނާ ވަނީ ”ހޮވާޑް ޔުނިވާސިޓީ ކޮލެޖް އޮފް މެޑިސިން“ އިން މެޑިކަލް ތައުލީމު ފުރިހަމަކޮށްފައެވެ.
އޭނާގެ ބުރަ މަސައްކަތުގެ ނަތީޖާ ފެނިގެންދިޔައީ، 2026 ވަނަ އަހަރު އޭނާގެ ރެސިޑެންސީ ޕްރޮގްރާމް ފުރިހަމަކުރުމަށް، އޭނާ ކުރިން މަސައްކަތްކުރި ޔޭލް ނިއު ހެވަން ހޮސްޕިޓަލުން ފުރުސަތު ލިބުމުންނެވެ. މިއަދު އޭނާ އެ ހޮސްޕިޓަލުގައި ހުރީ ކުނިކަހާ މީހެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އަކީ އެނެސްތީސިއޮލޮޖީ ރެސިޑެންޓް ޑޮކްޓަރެކެވެ.
ޝޭގެ މި ވާހަކައަކީ ކޮންމެ ފަދަ ދަށް ފެށުމަކުން ފެށި ނަމަވެސް، ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބީގެ އުސްމިންތަކަށް ވާސިލްވެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ. އޭނާގެ މި ކާމިޔާބީއަށް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތައުރީފު ކުރަމުންނެވެ.

