ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ. މި މަސައްކަތަކީ ސަރުކާރުން ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
އެޗްޑީސީއިން ’އެކްސް‘ ގައި ހާމަކޮށްފައިވާ ގޮތުގައި، ބިން ހަވާލުކުރުމުގެ އިޖުރާއަތްތަކުގެ ތެރެއިން އެ ސަރަޙައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށްދަނީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާ ގުޅިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ގޯތިތަކުގެ ތަފްސީލު
ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެކި ސައިޒުތަކުގެ ގޯތިތައް ދޫކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ:
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650 އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހުޅުމާލޭ ތިން ވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ގޯތި ލިބިފައިވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީއަށް އެދުމުގެ ފުރުސަތު މިދިޔަ ފެބްރުވަރީ މަހު ވަނީ ހުޅުވާލާފައެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އައު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ބައެއް ގޯތިތައް ދޫކުރާ ސަރަޙައްދުތަކަށް ބަދަލު އައިސްފައިވާތީ، އައު ލޮޓް ނަންބަރުތައް ކަނޑައެޅުމުގެ ގުރުއަތުލުން މިދިޔަ ޑިސެމްބަރު މަހު ވަނީ ބާއްވާފައެވެ. މި ސަރުކާރުން އަންނަނީ ކުރީ ސަރުކާރުން ބިން ނުހިއްކައި ކަނޑުން ދޫކޮށްފައި ހުރި ގޯތިތަކުގެ ބިން ހިއްކައި، އެ ތަންތަން ހަގީގީ މާނައިގައި ރައްޔިތުންނާ ހަވާލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.

