ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން؛ މުހިންމު ބަދަލެއް!؟

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި މިހާތަނަށް އައި އެންމެ ބޮޑު އެއް ބަހުސަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަހުސެވެ. މިކަމާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެކަމަށް ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރައްޔިތުންގެ ރިފެރެންޑަމް ވޯޓަކަށް އަންނަ އޭޕްރިލް މަހުގެ 04 ގައި ދިއުމަށް ވަނީ ތައްޔާރުވެފަ އެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވާހަކައަކީ އަލަށް ދެކެވޭ ވާހަކައެއް ނޫނެވެ. އެގޮތުން 2008 ވަނަ އަހަރު މިހާރުގެ ފެހި ޤާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވެސް މި ބަހުސް ވަނީ ވަރަށް ފުޅާދާއިރާއެއްގައި ކުރެވިފައެވެ.

އެގޮތުން 23 މާޗު 2008 ގައި، މާލޭ މެންބަރު އިބްރާހީމް އިސްމާއީލާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދާއި، ޝާހީން ހަމީދު ފަދަ ބޭފުޅުން ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް އިސްލާހުތައް ހުށަހަޅުއްވާފައެވެ. އޭރުގެ ހުށަހެޅުންތަކުގައި އޮތީ ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާތާ 6 މަހާއި 8 މަހާ ދެމެދު ދެ އިންތިހާބު އެކުގައި ބޭއްވުމަށެވެ. އޭރު އެކަން އެގޮތަށް ނުވީ ގުޅުންހުރި ގާނޫނުތައް ހެދުން ލަސްވުމުގެ ސަބަބުންނެވެ.

ސަރުކާރުގެ ނިޔަތާއި މެދު އުފައްދާ ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ގޮތުގައި، މި ބަދަލަކީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަމެއް ނޫނެވެ. ބޭނުން ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބޭނުމަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ދައުލަތުގެ ހަރަދު ކުޑަކުރުމާއި، ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށެވެ. މާޒީއަށް ބަލާއިރު ރިޔާސީ އިންތިހާބަށް ފަހު، މަޖިލިސް އިންތިހާބާއި ދެމެދު އެ އޮންނަ މުއްދަތެއްގެ ތެރޭގައި އެވަގުތަކު އޮންނަ މަޖިލީހަކުން އައު ސަރުކާރަށް އެތަކެއް ޖެއްސުންތަކާއި އުނދަގޫ ކުރެ އެވެ.

އެގޮތުން ބަޖެޓަށް ދަތި ކުރުމާއި، ވަޒީރުންނަށް ރުހުން ދޭން ދެކޮޅު ހެދުމާއި މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގަވައިދަށް ބަދަލުތައް ގެނެ އެވެ. އޭގެ އެންމެ ބޮޑު މިސާލެއް ފެނުނީ 19 ވަނަ މަޖިލީހުގައި، ރައީސް މުއިއްޒު އަޒުލު ކުރުމަށްޓަކައި ގަވައިދަށް ގެނައި ބަދަލުތަކެވެ. އަދި ސަރުކާރަށް ބިރު ދެއްކުމުގެ ގޮތުން ތަކުރާރުކޮށް އެ ވާހަކަ ދައްކަމުން ވެސް ދިޔައެވެ.

މިކަމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވެސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވަނީ ޓްރާންސިޝަންގެ މުއްދަތުގެ ތެރޭގައި މަޖިލީހުން ސަރުކާރުތަކަށް ޖެއްސުންކޮށް، އުނދަގޫކޮށް ވަޒީރުން ވެސް ހާޒިރު ކުރާކަން ފާހަގަކުރައްވާފަ އެވެ.

އިންތިހާބުތަކުގެ ވާހަކަ ދައްކާއިރު، އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން ދައްކާ ގޮތުން އިންތިހާބުތަކުގައި ވޯޓުލާ ނިސްބަތް ދަނީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. މިކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ދެ އިންތިހާބު ވަކިން ބޭއްވުމުން ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަޖިލިސް އިންތިޚާބުގައި 10-12 އިންސައްތަ މަދުވެއެވެ. ނަމަވެސް ދެ އިންތިޚާބު އެކުގައި ބޭއްވުމުން، އެންމެ ގިނަ ރައްޔިތުންގެ ތާއީދާއެކު މަންދޫބުން ހޮވުމުގެ ފުރުސަތު ލިބި، ޑިމޮކްރަސީ އިތުރަށް ހަރުދަނާ ވެގެން ދާނެ އެވެ.

އިންތިހާބާއި ގުޅޭގޮތުން އުފައްދާ ގާނޫނީ ސުވާލުތަކާއި ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން، މި އިސްލާހު ގެނައުމުގައި ޤާނޫނީ އެއްވެސް ހުރަހެއް ނެތެވެ. ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން، މަޖިލީހުގެ ދައުރާ ގުޅޭ 79 ވަނަ މާއްދާއަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެންނެވެ. އެހެންކަމުން ސަރުކާރުން ގަރާރު ނެރުނީ އިޖުރާއަތާ އެއްގޮތަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށްކަން ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަކީ ޤާނޫނުއަސާސީއާއި ”ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު“ އާ އެއްގޮތަށް އޮތް، ދުސްތޫރީ ގޮތުން ފުރިހަމަ ސުވާލެކެވެ. އަދޮ މި ސުވާލުން ރައްޔިތުންނަށް އެ ބަދަލަށް އަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ސާފުކޮށް ވަޒަންކުރެވެއެވެ.

މި އިސްލާހަށް ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުން ބުނަނީ މިއީ ޤާނޫނުއަސާސީގެ އަސާސްތަކާ ހިލާފު، ލެޖިޓިމަސީ ނެތް ބަދަލެއް ކަމަށެވެ. އެ ފަރާތްތަކުން ދެކޭގޮތުގައި، މަޖިލިސް ޗުއްޓީގައި އޮއްވައި މިފަދަ ބޮޑު ބަދަލެއް ހުށަހެޅުމަކީ އިޖުރާއީ ގޮތުން ގޯސް ކަމެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ސުވާލަކީ ”ޣައިރު ދުސްތޫރީ“ ސުވާލެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް، ސަރުކާރުގެ ދިފާއަކީ، ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާކަމާއި، އެންމެ ފަހުގެ ބަސް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ދީފައިވާ ކަމެވެ.

އަޅުގަނޑުގެ ނަޒަރުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ބަދަލަކީ ދައުލަތް ހިންގުން ހަރުދަނާކޮށް، އިންތިހާބުތަކަށް ކުރާ ބޮޑު ހަރަދު ކުޑަކުރުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ ކުރިން ބައެއް ސިޔާސީ ވެރިން މި ބަދަލުގެ މުހިންމުކަން ފާހަގަކުރައްވާފައިވީ ނަމަވެސް، މިހާރު ސިޔާސީ ބޭނުމަކަށްޓަކައި ބައެއް ފަރާތްތަކުން މިކަމާ ދެކޮޅަށް ވާހަކަދައްކަވަނީ އެއީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެވެ.

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ބާރުތައް މަސްހުނިވުމެއް ނޫނެވެ. ރައްޔިތުންނަށް ރައީސަކާއި މަޖިލިސް މެންބަރަކު ހޮވުމުގެ ފުރުސަތު ވަކިވަކިން އޮންނާނެ އެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް މިގޮތަށް އިންތިހާބުތައް ބާއްވަ އެވެ. އިިދިކޮޅުން ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރާ ގޮތަށް، މި އިސްލާހުގެ ސަބަބުން ރިޔާސީ ދައުރު ދިގުވުމެއް ނުވަތަ ރައްޔިތުންގެ ބާރުތައް ހަނިވުމެއް ނާންނާނެއެވެ. އޭގެ ބަދަލުގައި، އަބަދު އިންތިހާބުތަކެއްގެ ސަބަބުން ކެމްޕޭންތަކުގައި އުޅުމުގެ ބަދަލުގައި ސަރުކާރަށް ގައުމުގެ ތަރައްގީއަށް ފޯކަސް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ސަރުކާރަކަށް ވޯޓަކަށް ނުބަލައި، އިންތިހާބަކަށް ކަޑަ ޖެހުމެއް ނެތި ތަރައްގީއަށް މަސައްކަތް ކުރުމަށް މަޖުބޫރުވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: