ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަނޑި މިއަދަށް ވަނީ ހަމަވެފައެވެ.
މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުގެ އިތުރުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ޝަރީފް އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން މި މަހުގެ ފަސް ވަނަ ދުވަހު ފުރަތަމަ ހުޅުވާލި ނަމަވެސް، އެ މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލީއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. ފުލުހުންގެ ގާނޫނު ބުނާގޮތުން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަންވާނީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ބޭފުޅުންގެ ތެރެއިންނެވެ.

