ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އެންމެ މުހިންމު އެއް އަސާސަކީ ދައުލަތުގެ އެންމެހައި ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އައުމެވެ. ރައްޔިތުންނަކީ ދައުލަތުގެ އަސްލު މިލްކުވެރިން ކަމަށްވާއިރު، ޤައުމުގެ މުސްތަޤުބަލާ ގުޅޭ ބޮޑެތި ނިންމުންތަކުގައި ރައްޔިތުންގެ ބަސް ހޯދުމަކީ ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ ފުރިހަމަ ސިފައެވެ. އެގޮތުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތްވާ، އަދި ޤާނޫނީ ގޮތުންނާއި އަޚްލާޤީ ގޮތުން މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
މި ތާރީޚީ ބަދަލު ގެނައުމަށްޓަކައި 2025 ވަނަ އަހަރު ފާސްކުރެވުނު ’ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ޤާނޫނު‘ އާއި 2026 ވަނަ އަހަރު ނެރުއްވި ރިޔާސީ ޤަރާރަކީ ރާއްޖޭގެ އިދާރީ އަދި ސިޔާސީ ނިޒާމަށް އަންނަ ބޮޑު ބަދަލެއްގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކޮށްދޭ މުހިންމު ބިންގާތަކެކެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަމައެކަނި އިދާރީ ލުޔެއް ނޫނެވެ. އެއީ އިންތިޚާބުތަކަށް ކުރާ ބޮޑެތި ޚަރަދުތައް ސަލާމަތްކޮށް، އެ ފައިސާ ޤައުމީ ތަރައްޤީއަށް ބޭނުންކުރުމަށާއި، މުޖުތަމަޢުގައި އުފެދޭ ސިޔާސީ ނުތަނަވަސްކަން ކުޑަކޮށް ޤައުމީ މަޞްލަޙަތު އިސްކުރުމަށް އެޅޭ ބުއްދިވެރި ފިޔަވަޅެކެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އިންތިހާބެއް ބޭއްވުމަށް ހަމައެކަނި ހަރަދު ކުރަނީ ދައުލަތުން އެކަންޏެއް ނޫނެވެ. އެ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ފަރުދުންނާއި ބޮޑެތި ވިޔަފާރިވެރިންވެސް އިންތިހާބުތަކުގައި ބޮޑެތި ހަރަދުތައް ކުރާކަމީ ފެންނާން އޮތް ހަގީގަތެވެ. އެހެން ކަމުން 5 އަހަރުގެ ތެރޭަގައި ތިން އިންތިހާބު އޮތުމުން ބިލިޔަނުން ހަރަދުތައް ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އަޅުގަނޑުގެ ޙިޔާލުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ، ވެރިކަމަށް ވާދަކުރާ ފަރާތްތަކުން މަޖިލިސް ގޮނޑިތައް ހޯދުމަށް ފޯރުވާ ނުފޫޒު ކުޑަވުމެވެ. މީގެ ސަބަބުން ސިޔާސީ ބާރުވެރިންގެ ނުފޫޒުން އެއްކިބާވެ، ރައްޔިތުން ހަޤީޤަތުގައިވެސް ބޭނުންވާ މަޖިލީހެއް އިންތިޚާބު ކުރުމަށް މަގުފަހިވާނެއެވެ. ހަމައެހެންމެ، ވޯޓުދޭ މީހާއަށް ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްކަން ކުރިއަށް ނޭނގޭތީ، މެންބަރުން ހޮވުމުގައި ޕާޓީއަށްވުރެ ބޮޑަށް ކެނޑިޑޭޓުގެ ޤާބިލިއްޔަތަށް ބެލުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. މިއީ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް އޮޅުވާލުމަށް ލިބޭ ފުރުޞަތު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމެކެވެ.
ގަބޫލު ކުރަން ޖެހޭ އަނެއް ހަގީގަތަކީ އަޅުގަނޑުމެންފަދަ ކުޑަކުޑަ އިގްތިސާދެއްގެ މައްޗަށް މުޅި ދައުކަތް ބަރޯސާވެފައިވާ ކުޑަކުޑަ ޖަޒީރާ ގައުމަކަށް އަބަދުމެ އިންތިޚާބުތަކުގެ ފިއްތުންތަކުގައި ދައުލަތް އޮންނަންޖެހޭ ޖެހުން ނިމުމަކަށް އައުމަކީ ޤައުމުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މީގެ ސަބަބުން ސަރުކާރުގެ މައިގަނޑު އަމާޒުތައް ހާސިލުކުރުމަށް މަސައްކަތް ކުރާނެ ހަމަޖެހޭ މާހައުލެއް ޤާއިމްވާނެއެވެ. އިޤްތިޞާދީ ގޮތުން ބަލާއިރު، އިންތިޚާބުތައް މަދުވުމުން ދައުލަތުން ކުރާ ހޭދަ އިންތިހާއަށް ކުޑަވެގެންދާނެއެވެ. މީގެ ތެރޭގައި ހަމައެކަނި އިލެކްޝަންސް ކޮމިޝަނުން ކުރާ ހޭދައެއް ނޫނެވެ. އަޅުގަނޑު ކުރިން ވެސް ފާހަގަކުރި ފަދައިން އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުތަކުން ސިޔާސީ ވަޒީފާތައް އުފެއްދުމާއި، ޕާޓީތަކުން ކުރާ ބޮޑެތި އިސްރާފުތައްވެސް މީގެ ސަބަބުން މަދުވެގެންދާނެއެވެ.
ވިސްނާލަން ޖެހޭ އަނެއް ހަގީގަތަކީ ދެ އިންތިޚާބު އެއްކޮށްލުމުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ރައްޔިތުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް ލިބިގެންދާނެއެވެ. ގިނަ ފަހަރަށް މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދުވަނީ ރިޔާސީ އިންތިޚާބަށްފަހު ރައްޔިތުން ސިޔާސީ ކަންކަމަށް ފޫހިވެފައި ތިބޭތީއެވެ. ނަމަވެސް އެއް ދުވަހަކު ދެ ވޯޓުލާން ޖެހުމުން، ދައުލަތުގެ އެންމެ މުހިންމު ދެ ބާރު ކަނޑައެޅުމުގެ ފުރުޞަތު ރައްޔިތުންނަށް އެއްފަހަރާ ލިބި، ޑިމޮކްރެސީގެ ރޫޙު އާލާވެގެންދާނެއެވެ.
އެހެންކަމުން، މިކަމާ ގުޅޭގޮތުން ނަގާ ވޯޓުގައި ”އާނއެކޭ“ ބުނުމަކީ ޤައުމުގެ ހިންގުން ހަރުދަނާކޮށް، އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް މަގުފަހިވާނެ ކަމެކެވެ. މިއީ 18 އަހަރުގެ ދިގު މުއްދަތަކަށްފަހު ރައްޔިތުންގެ އިހުސާސްތަކަށް ބާރުދީ، ޒަމާނީ ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ދައްކުވައިދޭނެ، ޤައުމުގެ މުސްތަޤުބަލަށްޓަކައި ނިންމޭނެ އެންމެ ބުއްދިވެރި ނިންމުމެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްުމަކީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރުކޮށް، ސިޔާސީ މަކަރުވެރިކަމުން ޤައުމު ސަލާމަތްކުރުމަށް އޮތް އެންމެ ފަހި މަގެވެ.

