ބޯހިޔާވަހިކަމުގެ ދަތިކަމާއި އަސާސީ ހިދުމަތްތަކުގެ ދަތިތައް ހައްލުކޮށް، ވިލިމާލެއަކީ މާލެއާއި ހުޅުމާލެއާ އެއްހަމައެއްގައި ފުރުސަތުތައް ތަނަވަސްވެފައިވާ ތަނަކަށް ވާނެކަމަށް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު ވިދާޅުވީ، މިދިޔަ މާޗު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގެ ބައެއް ގެތަކަށް ކުރެއްވި ޒިޔާރަތުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެ ޒިޔާރަތުގައި ވިލިމާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ، އާއިލާތައް ބޮޑުވަމުންދާއިރު ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުން ދިއުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ލޯނު ނަގައިގެން ގެދޮރު އިމާރާތް ކުރި ނަމަވެސް، ކުއްޔަށް ދޭނެ އިތުރު ޖާގަ ނެތުމުން ލިބޭ މުސާރައިން ލޯނު ދައްކަން ޖެހުމަކީ ރައްޔިތުން އުފުލަމުންދާ ބޮޑު ތަކުލީފެއްކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ވިލިމާލޭގެ ރައްޔިތުން ތަހައްމަލުކުރާ ހަމައެކަނި ދަތިކަމެއް ނޫން ކަމަށެވެ. ދަރިވަރުން އޭ ލެވެލްއަށް ކިޔެވުމަށާއި، ރަނގަޅު ސިއްހީ ފަރުވާއަށާއި، ވަޒީފާގެ ފުރުސަތުތަކަށް ވެސް މިއަދު ވިލިމާލޭގެ ރައްޔިތުން ދާންޖެހެނީ މާލެ ނުވަތަ ހުޅުމާލެކަމަށާއި، މި ހަގީގަތް ބަދަލުކުރުމަށް ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ ދަށުން ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހު ތެރޭގައި ފެށިގެންދާނެއެވެ. އަދި މާލޭގެ އެހެން އަވަށްތަކެކޭ އެއްގޮތަށް ވިލިމާލޭގައި ވެސް 10 ބުރިއަށް އިމާރާތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޗައިނާގެ ހިލޭ އެހީގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެ މަސައްކަތާއެކު ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއް ފެށިގެން ދިޔައިރު މުއްތަލިބު ވިދާޅުވީ، 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދައާއި ހޮސްޕިޓަލް އެޅުމުގެ ނިންމެވުމަށް ބައެއް ފަރާތްތަކުން ފާޑުކިއުން އަމާޒު ކުރިނަމަވެސް، މިއީ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބުނު ވަރަށް ބޮޑު ހައްލެއް ކަމަށެވެ. އަދި ބޭންކް ފައިނޭންސް ނުލިބިގެން ނުހެދި ހުރި ގޭގެއަށް އެ ފުރުސަތު ހުޅުވި، އެތައް ޖީލަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ރަށުގެ މަގުތައް ތަރައްގީ ކުރާނީ ރަށުގެ ފެހިކަމާއި ހިތްގައިމުކަން ނުގެއްލޭ ގޮތަށް ކަމަށެވެ. އަދި މިހާރު ފަށާފައިވާ 300 ހައުސިންގް ޔުނިޓްގެ މަޝްރޫއަކީ ބީއެމްއެލްއިން އިންވެސްޓް ކޮށްގެން ކުރިއަށްގެންދާ ވަރަށް މުހިއްމު މަޝްރޫއެއްކަމަށާއި، މިއީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ގެންގުޅުއްވާ ކާމިޔާބު މޮޑެލްއެއްކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ނިމޭއިރު، ވިލިމާލެއަކީ ވަޒީފާއާއި ތައުލީމީ ފުރުސަތުތަކާއި ރަނގަޅު ސިއްހީ ހިދުމަތް ލިބޭ، މާލެއާއި ހުޅުމާލެއެކޭ އެއްފަދަ ތަރައްގީވެފައިވާ ރަށަކަށް ހެދުންކަމަށް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

