ކުނި މެނޭޖު ކުރުމުގެ ޤާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށް 3 ޤަވާއިދެއް އެކުލަވާލައި، 2 މަހެއްހާ ދުވަހުގެ ތެރޭގައި އާއްމުކޮށް ޢަމަލުކުރަން ފަށާނެ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރަމުންދަނީ މި ޤަވާއިދުތައް އެކުލަވާލުމުގެ އެންމެފަހު މަރުޙަލާތަކުގެ މަސައްކަތް ކަމަށެވެ. މީގެތެރޭގައި ހިމެނެނީ، ކުނި މެނޭޖު ކުރުމުގެ އާއްމު ޤަވާއިދެއް އެކުލަވާލުމާއި، ކުނި މެނޭޖު ކުރުމުގެ ޚިދުމަތް ދިނުމުގެ ޤަވާއިދާއި، އަދި އެއްފަހަރު ބޭނުންކޮށް އުކާލާ ކުންޏާއި ގުޅޭ ޤަވާއިދެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ ސްޓޭކް ހޯލްޑަރ ކޮންސަލްޓެންސީގެ މަސައްކަތް ނިމި، ޤާނޫނީ ބައިތައްވެސް ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ކުނިން ތަކެތި އުފައްދާ މީހުން، އެ ޕްރޮޑަކްޓެއް ބޭނުންކުރުމަށްފަހު ކުންޏާމެދު ޒިންމާ ވާނެ ގޮތްތަކާ ގުޅޭގޮތުން ”އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ“ ގެ ނަމުގައި ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
”ގޮނޑުދޮށާއި އެހެން ތަންތަނަށްވެސް ކުނި އަޅާ ޖެހިލުމެއް ނެތި. އެފަދަ މީހުންނަށް ފިޔަވަޅު އަޅާ ޖޫރިމަނާ ކުރާނަން. ބޭނުންވަނީ މި އާއްމު ޤަވާއިދުގެ ދަށުން އަދަބުދޭކަށް ނޫން. ޒިންމާދާރު ކުރުވުން. މިއީ އާއްމު ސާފުތާހިރުކަން އަދި އިޤްތިޞާދާވެސް ގުޅިފައިވާ ކަމެއް،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އުފައްދާ ކުންޏާމެދު ޒިންމާދާރުވާނެ ބަޔަކަށް ކޮންމެ މީހަކުވެސް ވާންޖެހޭނެ ކަމަށެވެ. ކުނި މެނޭޖުކުރުމާއި ކުންޏާމެދު އެކުލަވާލާފައިވާ އެކިއެކި އުޞޫލުތަކަށް އާއްމުން ހޭލުންތެރިކޮށް، ޒިންމާދާރުކަމާއެކު ކުނި މެނޭޖުކުރުމަށް އާއްމުން ހޭލުންތެރި ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގައި ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި ޤަވާއިދުތައް އެކުލަވާލުމަކީ މުހިންމު މަސައްކަތެކެވެ. މި ޤަވާއިދުތައް ތަންފީޒުވުމުން، ކުނި މެނޭޖު ކުރުމުގެ ދާއިރާއިން ހަރުދަނާ އުޞޫލުތަކެއް ގާއިމުވެ، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށް ބެލެވެއެވެ.

