އީރާނާއި އެމެރިކާ-އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި، އޭގެ ސަބަބުން ޚަލީޖީ ސަރަހައްދަށް ކުރިމަތިވަމުންދާ ނުތަނަވަސްކަމުގެ ތެރެއިން، ގަތަރުގެ ބޮޑުވަޒީރު ވޮޝިންގޓަންގައި އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވައިފިއެވެ.
ގަތަރުގެ ޚާރިޖީ ވަޒީރުކަންވެސް ކުރައްވާ އައްޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އައްޘާނީ ވަނީ އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް އަދި ސެކްރެޓަރީ ސްކޮޓް ބެސެންޓާ ބައްދަލުކުރައްވާފައެވެ.
ގަތަރުގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުންތަކުގައި ދޯހާއާއި ވޮޝިންގޓަނާ ދެމެދު އޮތް ”ސްޓްރެޓީޖިކް ގުޅުން“ އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ވަކިން ހާއްސަކޮށް، ސަރަހައްދަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތަށް ރިއާޔަތްކޮށް، ދިފާއީ ދާއިރާއިން އޮތް ބައިވެރިވުން ހަރުދަނާކުރުމަށް ދެ ފަރާތުން ބާރުއެޅިއެވެ. މީގެއިތުރުން، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގަތަރުގެ ދިޔާ ކުރި ގޭސް (އެލް.އެން.ޖީ) މެދުނުކެނޑި ބާޒާރުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ދެ ގައުމުން ފާހަގަކުރިއެވެ.
ދިފާއީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަކުރުން
ބޮޑުވަޒީރު ޝައިޚް މުޙައްމަދު ވަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާ ވެސް ބައްދަލުކުރައްވާފައެވެ. ވޮޝިންގޓަންގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ސަރަހައްދީ ގޮންޖެހުންތަކުގެ ތެރެއިން ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުންނެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ދެ ގައުމުގެ މެދުގައި މެދުނުކެނޑި ވިލަރެސްކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.
ފެބުރުވަރީ 28 ގައި އީރާނާއި އެމެރިކާ-އިސްރާއީލާ ދެމެދު ފެށުނު ހަނގުރާމައިގައި މިހާތަނަށް 3,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ އީރާނާއި ލުބުނާނަށް ނިސްބަތްވާ މީހުންނެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ އިސްރާއީލުގެ އިތުރުން އުރުދުން، އިރާގު އަދި ޚަލީޖީ ބައެއް ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުން އަމާޒުކުރަނީ ޚަލީޖީ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ކަމަށެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި ގަތަރުގެ ހަކަތައިގެ ވަސީލަތްތަކަށްވެސް ވަނީ އަސަރުކޮށްފައެވެ. މި މަހުގެ ކުރީކޮޅު ގަތަރުގެ މައި ގޭސް ފެސިލިޓީ ކަމަށްވާ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށް އީރާނުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެ ގައުމުން ވަނީ ހާމަކޮށްފައެވެ. އަދި ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔެއަށް ވަނީ ބޮޑު ހަކަތައިގެ ދަތިކަމެއް ކުރިމަތިވެފައެވެ.
އެމެރިކާގެ ނައިބު ރައީސް ވެންސް ވަނީ ގަތަރާއި އެމެރިކާއާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް ތައުރީފުކުރައްވައި، ސަރަހައްދީ ހަމަޖެހުމާއި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ގަތަރުން އަދާކުރާ އިސް ދައުރު ފާހަގަކުރައްވާފައެވެ. މި ބައްދަލުވުންތަކަކީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކޮށް، ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ދެ ގައުމުންވެސް ދެކެއެވެ.

