ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގެ އަންހެން ކުދިންނަށް ހާއްސަ ސްކޫލަކަށް ދިން ހަމަލާއެއް ދިވެހިރާއްޖެއިން ކުށްވެރިކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ މިނާބުގައި ހިންގަމުން އައި އަންހެން ކުދިންނަށް ހާއްސަ ސްކޫލަކަށް ދިން ހަމަލާ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ދީފައިވާ ހަމަލާއެއް ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަނުގެ ތެރެއިން ކުރިއަށް ގެންދިޔަ ކުއްލި ބައްދަލުވުމުގައި، ޖެނީވާގައި ހުންނަ އދގެ އޮފީހަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ ބަޔާނެއް އިއްވަވާފައެވެ.

މި ބަޔާނުގައި ޑރ. ސަލްމާ ވިދާޅުވީ 168 ކުޑަކުދިން މަރާލި މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ. ސަލްމާގެ ބަޔާނުގައި އިސްރާއީލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަމަލުކުރަމުންދާ، ސްޓޭޓް ޓެރަރިޒަމަށް ހިތްވަރުދޭ ދައުލަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްކުރުމަށް މަސައްކަތް ކުރަމުންދަނީ އެ ދައުލަތުން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިސްރާއީލުން މިފަދަ ލާއިންސާނީ އަމަލުތައް އިތުރުކުރަމުންދަނީ އެ ދައުލަތާ މެދު އެކަށީގެންވާ ފިޔަވަޅު ނާޅާތީ ކަމަށާއި، އެކަމަށް ނިމުމެއް އަންނަންޖެހޭ ކަމަށް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ. ރާއްޖެއިން ވަނީ މި ހަމަލާތަކުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

ބަޔާން ނިންމަވާލައްވަމުން ރާއްޖެއިން ވަނީ މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: