ރައްޔިތުންގެ ގާތުން އަހާ ސުވާލު އޮންނަން ޖެހޭނެ ވަކި ގޮތެއް ގާނޫނުއަސާސީގައި ވެސް އަދި ރެފެރެންޑަމް ގާނޫނުގައިވެސް ބަޔާންކޮށްފައި ނުވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބާރ ކައުންސިލްގެ ހާއްސަ ފޯރަމެއްގައި އުޝާމް ވަނީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޕެނަލްގައި ކުރިމަތިވި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ މިހާރު ގެންނަން އުޅޭ ބަދަލަކީ މިއީ ގާނޫނުއަސާސީއަށް ގެނެވޭ ދުސްތޫރީ ބަދަލެއް ކަމަށް ދެކެވަޑައިނުގަންނަ ކަމަށެވެ. މިއީ ރައްޔިތުންގެ އިންތިހާބީ ހައްގަކަށް އެއްވެސް ކަހަލަ އުނިކަމެއް ނުވަތަ ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މި އިސްލާހުގެ ނަތީޖާއަކީ އިންތިހާބީ ހައްގަށާއި އަދި ބާރުތައް ވަކިކުރެވިފައިވާ ނިޒާމަށްވެސް އެއްވެސް ބާރެއް އަންނާނެ ކަމެއް ނޫން ކަމަށް ވަނީ ފާޙަގަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި އިސްލާހުގާއި ގާނޫނުއަސާސީގެ ދެ މާއްދާއެއް އިސްލާހުކުރާ ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.
”ގާނޫނުއަސާސީގެ ދެ މާއްދާއެއް އެބަ އިސްލާހު ކުރޭ. 72 ވަނަ މާއްދާ އާއި 79 ވަނަ މާއްދާ. 76ވަނަ މާއްދާ އިސްލާހު ކުރާ ކަމަށް ވާނަމަ ރައްޔިތުންފެ ހިޔާލަކަށް ދާން ޖެހޭ ކަމަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި އިބާރާތްކޮށްފައިވާ ގޮތަށް ބަލާއިރުގައި 79 ވަނަ މާއްދާގެ (ހ) އަށް އެއްވެސް އިސްލާހެއް ގެންނަ ކަމުގައި ވަނީ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަން ޖެހޭނެ“
އުޝާމް ވިދާޅުވީ 262 ވަނަ މާއްދާގައި ހިމެނޭ 6 މާއްދާއަށް އިސްލާހު ގެންނަ ކަމަށް ވާނަމަވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށެވެ. ރައީސުލްޖުހޫރިއްޔާ ފޮނުއްވާފައިވާ ސުވާލާއި ގުޅިގެން އެކި ބަހުސްތަކާއި އަދި ސުޕްރީމް ކޯޓުގައި މައްސަލައެއް ކުރިއަށްދާ ކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ ސުވާލު އޮންނަން ވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އުޝާމް ވިދާޅުވީ މިކަމުގެ އިޖުރާއަތު ރެފެރަންޑަމްއާއި ގުޅޭ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އެ ގާނޫނުގައިވެސް ސުވާލު އޮންނަން ޖެހޭނެ ވަކި ގޮތެއް ބަޔާން ކޮށްފައި ނުވާކަމަށެވެ. އުޝާމް ވިދާޅުވީ ރައީސްގެ ގަރާރާއިއެކު، ސުވާލު ހުށައަޅާނެ ގޮތަކާއި މެދު ވަރަށް ބޮޑަށް ކެބިނެޓުގައި ބަހުސް ކުރެވުން ކަމަށެވެ.
މީގެއިތުރަށް އުޝާމް ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި ސުވާލު ހުށައެޅުގައި އޮންނަން ވާނީ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެންނަން ފެނޭތޯ ނުވަތަ ނޫން ތޯ އެމިން ވަރަަށް ކަމަށެވެ. އެ ސުވާޅުގައި އިތުރު ކަންތައްތަކެއް ހިމެނިނަމަ، އޭގައި ލިޔަން ނުޖެހޭ ބައެއް އޮތް ކަމަށް ބުނެވެސް އެފަރާތްތަކުން ވާހަކަ ދައްކާނެ ކަމަށެވެ.

