އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސް އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އިން ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން އޮސްޓްރިއަން އެއާލައިންސް އިން އިއްޔެ ފުރި 324 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް އިއްޔެ ކައިރިކުރި އެ އެއާލައިންސްގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ ބޮޑުބެރާއި އެކީ ހޫނު މަރުހަބާއެއްކިޔާވާފައެވެ.
މިއީ އޮސްޓްރިއަން އެއާލައިންސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އޮސްޓްރިއަން އިން ރާއްޖެއަށް ފާއިތުވި 30 އަހަރުގައި ދަތުރު ފަށާފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި އޮސްޓްރިއާ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ވަނީ ގޮސްފައެވެ. މިއަހަރުގެ ފުރަތަމަ 2 މަސް ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރޭގައި އޮސްޓްރިއާ ހިމެނެނީ، 12ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމުގެ ގޮތުގައެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 9،041 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

