ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ މާކެޓްތަކުގެ އިތުރުން، އަސާސީ ބާވަތްތައް އެތެރެކުރެވޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ވިދާޅުވި ގޮތުގައި، މިހާރުވެސް ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ، ޗައިނާ، ތައިލެންޑް، މެލޭޝިއާ، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މީގެ ކުރިން ވިޔަފާރީގެ ގުޅުން އެހާ ބޮޑަށް ގާއިމްވެފައި ނެތް އައު މާކެޓްތަކާއެކު ގުޅުން އުފެއްދުމަށް ފޮރިން މިނިސްޓްރީއާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ހާއްސަ ގޮތެއްގައި އިންޑޮނޭޝިއާ ފަދަ ގައުމުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަރުނީޗަރާއި ފިޓިންގްސް ފަދަ ތަކެތި ލިބޭ މާކެޓަކަށް ވާއިރު، އެ ގައުމުތަކުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާވެސް ލިބެން ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބޭނުންވެއްޖެ ހާލަތެއްގައި އެ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ވައިގެ މަގުންނާއި ކަނޑުގެ މަގުން މުދާ އުފުލޭނެ ކަނެކްޓިވިޓީ ވަރުގަދަކުރުމަށް އެ ގައުމުތަކުގެ ސަރުކާރުތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް ސައީދު ވިދާޅުވި އެވެ.
ދެން މިއާއެކު އުފެދިގެން އަންނާނެ މި އިރާދަކުރެއްވިއްޔާ މީގެ ކުރިން އަޅުގަނޑުމެންނަށް ގާއިމްވެފައި ނެތް ބައެއް ކަހަލަ ވިޔަފާރީގެ ގުޅުންތައް. ހާއްސަކޮށް މިސާލަކަށް އިންޑޮނޭޝިއާ އަކީ ވަރަށް ބޮޑަށް ޓޫރިޒަމްގެ ދާއިރާއަށް ހާއްސަކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތައް ފަދަ ތަންތަން ހަދާ އެ މުދާ ގެންނަ ތަނެއް. މި ފަރްނީޗަރ، ފިޓިންގްސް ކަހަލަ އެއްޗެހި. އެހެންނަމަވެސް، މި މާކެޓްތަކުގެ އިތުރަށް މި ލިބެން އެބަހުރި އެއަށްވުރެ މާ ގިނަ އަދަދަކަށް އަޅުގަނޑުމެންގެ އަސާސީ މުދާ، ބޭނުންވެއްޖެ ހާލަތެއްގައި މި މުދާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ އެއަރ ކަނެކްޓިވިޓީ އަދި ކަނޑުމަގުން ގެނެވޭނެ އިންތިޒާމްތައް ސަރުކާރުތަކާ ގުޅިގެން ވާހަކަ ދައްކަމުން އަޅުގަނޑުމެން ދާކަން ފާހަގަކުރަން. ހަމައެއާއެކު އޭގެ ސަބަބުން މުޅިން އާ މި މުދާ އުފުލޭނެ އާ މަގުތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި މާކެޓްތަކުން އުފެދިގެން އަންނާނެ.
ސައީދު ވަނީ އެންމެ އިސްކަމެއް ދޭނީ މުދާ ރައްކާކުރުމާއި މުދާ ގެނައުން މިހާރަށް ވުރެ ފަސޭހަކުރުންކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީ ގައުމުތަކުން މުދާ ގެނައުން މަދުވި ނަމަވެސް މި މަހުގެ 04 ވަނަ ދުވަހުން ފެށިގެން އެއާކާގޯ އިތުރުވެފައިވާކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މުދާ ގެނައުން ދަށްވެފައިވާޖކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ދުބާއީ އެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާއަށް ދިމާވެދާނެކަމަށް ބެލެވޭ ގޮންޖެހުންތައް ވެސް ގާތުން ބަލަމުން ގެންދާކަމަށެވެ. އެގޮތުން މަސީއާއި އެކު ބައްދަލުވުމެއް ބޭއްވިއިރު، ލިބުނު މަޝްވަރާއާއި ހިޔާލުތަކަށް ރިއާޔަތްކޮށް ފިޔަވަޅުތައް އަޅައި އިތުރު މަސައްކަތްތައް ކުރިޔަށް ދާނެކަމަށް ސައީދު ވިދަޅުވި އެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި، ތެޔޮ ގެނައުމަށްޓަކާއި އެސްޓީއޯއާއި އެކު ކެނޑިނޭޅި މަސައްކަތްތައް ކުރަމުން ގެންދާކަމަށް ސައީދު ވިދާޅުވި އެވެ.

