ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤުވާމީ އެއާލައިންތަކުގެ ފްލައިޓުތައް އިތުރުވެ، ފްލައިޓުތަކުން އަންނަ ފަސިންޖަރުންގެ ނިސްބަތް ނުވަތަ ލޯޑް ފެކްޓަރއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާއެކު އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަގުތީ ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން ފާހަގަކުރެވޭ ފަދަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ ހަފްތާއިން ފެށިގެން އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވެ، އެވްރެޖްކޮށް ދުވާލަކު ދެ ފްލައިޓް މިހާރު ރާއްޖެއަށް އަންނަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެއާލައިންތަކުގެ އޮޕަރޭޝަން ރޭޝިއޯއަށް ބަލާއިރު އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަށް ލިބިފައިވާ ކުރިއެރުން ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގަތަރު އެއަރވޭސްއިން ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރަން ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާއިރު، ބެލަރޫސްގެ ބެލޭވިއާ އެއަރލައިންގެ ދަތުރުތައް ފެށުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ނިމުމުގެ މަރުހަލާގައިވާކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވަނީ ފްލައިޓުތަކުގެ އޮޕަރޭޝަންތައް އިތުރުވި ނަމަވެސް، މުހިންމީ އެއާއި އެއްވަރަށް ފަސިންޖަރުން ވެސް އިތުރުވުންކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ފްލައިޓުތަކުގެ ލޯޑް ފެކްޓަރ އަށް އިޝާާރާތް ކުރައްވައި ސައީދު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއިއެކު 50 އިންސައްތައަށް ދަށްވި ލޯޑް ފެކްޓަރ، މިހާރު 75 އިންސައްތައަށް އުފުލިފައިވާ ކަމަށެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އާންމުގޮތެއްގައި ވިންޓަރ ސީޒަންގެ ޝެޑިއުލްއަށްވުރެ ސަމަރ ޝެޑިއުލްގައި ބުކިންތައް މަދުވި ނަމަވެސް، އޭޕްރީލް މަހަށް ފަހު ވެސް ހަފްތާއަކު އިތުރު ތިން ފްލައިޓްގެ އެއަރ ސްލޮޓް މެއިންޓޭން ކުރާނެކަމުގެ ޔަގީންކަން އެއަރލައިންތަކުން ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

