ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ބީއެމްއެލް ބައިވެރިވަނީ މާލީ މަންފާއަކަށް ނޫން، ބޭނުންވަނީ މައްސަލައަށް ދާއިމީ ހައްލެއް: ޝަރީފް

ބީއެމްއެލްގެ އެމްޑީ ޝަރީފް: ފޮޓޯ/ ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތަށް ހަލުވިކަމާއި އެކު އަމަލީ ސިފަ ގެނެވެމުންދާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ބީއެމްއެލްގެ ބޮޑު ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް އެކެއްގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން 182 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް މިރޭ އޮތް ރަސްމިއްޔާތުގަ އެވެ.

މި ޔުނިޓުތަކުގެ މަސައްކަތް މިރޭ އިފްތިތާހުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިރޭގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ހައުސިން މިނިސްޓްރީއާ ގުޅިގެން ތަރައްގީކުރާ ފްލެޓުތަކުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށެވެ. މި ހުރިހާ ޔުނިޓެއް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ގައުމީ ބޭންކެއްގެ އެންމެ މުހިންމު ދައުރަކީ ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫނެވެ. ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ ޒިންމާއެއްގެ ގޮތުގައި ދެކޭކަމަށް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑު އެތައް އަހަރެއް ވަންދެން ބޮޑުވަމުން ދިޔަ ނަމަވެސް، ފުރުސަތުތައް ތަނަވަސްވެފައި ވަނީ ނިސްބަތުން ވަރަށް މަދު މިންވަރަކަށްކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެތައް އާއިލާއަކަށް މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށާއި، ބޯހިޔާވަހިކަމުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަކީ ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތްކަމަށް ސަރުކާރުން ވިސްނަވައިގެން ފިޔަވަޅުތައް އަޅަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 1ގެ 182 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންއާއިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ދާއިރާގައި ތަޖުރިބާ ލިބިފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް 2028 ވަނަ އަހަރުގެ މެދުތެރޭގައި މަސައްކަތް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދޭކަމަށެވެ. ދިވެހި ކުންފުންޏަކުން މިފަދަ ބޮޑު މަޝްރޫއެއް ހިންގުމަކީ ރާއްޖޭގެ އިގްތިސާދަށާއި ކޮންސްޓްރަކްޝަން ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، މި މަޝްރޫއަށް ސަރުކާރުން ދެއްވާ ލުއިތަކާއި އެއްބާރުލުމުގެ ސަބަބުން މަޝްރޫއުގެ ހަރަދު ބޮޑުތަނުން ކުޑަކުރެވި، ދިވެހި އާއިލާތަކަށް ހަގީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް މަގު ފަހިވެގެންދާނެ އެވެ. މިފަދަ ހަރުދަނާ ސިޔާސަތެއްގެ ސަބަބުން ރައްޔިތުންނަށް ސީދާ ގޮތެއްގައި ފައިދާ ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: