އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ހާލަތްތައް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެވޭނެ އާ ގޮތްތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި އެމަޖެންސީ ހާލަތްތަކުގައި ގެނެވޭ ފަރާތްތަކުގެ އިތުރުން، މައްޔިތުން އުފުލުމާއި، އެނދުމަތިކޮށްފައިވާ ފަރާތްތަކަށް އައުޓް ޕޭޝަންޓް (OPD) ހިދުމަތް ހޯދުމަށް ދާންޖެހޭ ހާލަތްތަކާއި، ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކަށް ހިދުމަތް ދިނުން ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެކި ކަހަލަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އައުޓް ޕޭޝަންޓް އެމްބިއުލާންސް ހިދުމަތް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސިއްހީ މަރުކަޒެއްގައި އެނދުމަތިކޮށްފައިވާ ބަލިމީހަކު އިތުރު ތަހުލީލަކަށް ނުވަތަ ފަރުވާއަށް ގެންދަންޖެހޭ ހާލަތްތަކާއި، ރާއްޖޭން ބޭރަށް ފޮނުވާލުމަށް ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދަންޖެހޭ ހާލަތްތަކުގައިވެސް އާސަންދައިގެ ދަށުން އެމްބިއުލާންސް ލިބޭނެއެވެ.
ތެލަސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ކުރާ ދަތުރުތަކަށްވެސް އަންނަ މަހުން ފެށިގެން އާސަންދަ ހަމަޖެހޭނެއެވެ. ”މިހުރިހާ ހާލަތްތަކަކަށް އެމްބިއުލާންސް އާސަންދަ މިހާރު ހަމަޖެހޭނެ އެކަކުން ފެށިގެން. މިއީ ވަރަށް ގިނަ ކަންކަމާ މަޝްވަރާކޮށް، ޓެކްނިކަލް ލެވެލްގައާއި ފައިނޭންޝަލް ބަޖެޓްރީ އިމްޕްލިކޭޝަންސްތަކަށް ބެލުމަށްފަހު ނިންމި ނިންމުމެއް،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއީ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ އަދި ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ކަމެއް ކަމަށެވެ. މި ބަދަލާއެކު ބަލިމީހުން އުފުލުމުގައި އާއި ސިއްހީ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

