ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ“ މަޝްރޫއަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ޤައުމަށްކޮށްދޭ ބޮޑު ހިދުމަތެއް: މުއްތަލިބު

ޝެއާރކޮށްލާ ކަހަލަދޯ؟

”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ“ މަޝްރޫއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ސަރުކާރާއި ގުޅިގެން ޤައުމީ ބޭންކުގެ ހައިސިއްޔަތުންނާއި ދިވެހި ރައްޔިތުންގެ ބޭންކުގެ ހައިސިއްޔަތުން ޤައުމަށް ކޮށްދޭ ނުހަނު ބޮޑު ހިދުމަތެއް ކަމަށް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބީއެމްއެލްގެ ބޮޑު ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް އެކެއްގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން 182 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ބޯހިޔާވަލިކަމަކީ އަސާސީ ހައްގެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ރައްކާތެރިކަން ނެތް ކޮންމެ އާއިލާއަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ދަތި އުނދަގޫ އިހުސާސް ކުރާނެ ބައެއް ކަމަށެވެ. އެގޮތުން ތޮއްޖެހިފައިވާ މާހައުލެއްގައި ދަރިވަރުންނަށް އެކަށީގެންވާ ގޮތަށް އުނގެނުމަކީ ދަތިކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

 ”މާދަމާވެސް ދަރިން ގޮވައިގެން ވަންނާނެ ތަނެއް ޔަޤީންނުވާ ބައްޕައަކީ ހަމަޖެހިލައިގެން ހުރެވޭނެ ބައްޕައެއް ނޫން“ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ޒުވާން އާއިލާއަކަށް އެބައެއްގެ މުސްތަޤުބަލް ޕްލޭން ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދެނީ މި ސަބަބުތަކަށްޓަކައި ކަމަށާއި، މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ އާއިލާތަކަށް ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް ފުރުސަތުތަކެއް ހޯދައިދީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބީއެމްއެލްގެ ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކޮށްފައިވަނީ އެފް ޑަބްލިއު ކޮންސްޓްރަކްޝަން އާއެވެ. މިނިސްޓަރ ވަނީ އެ ކުންފުންޏަކީ ރާއްޖޭގައި ޒަމާނުއްސުރެ ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ. އަދި ބިންގާ އެޅިގެންދިޔަ 182 ހައުސިން ޔުނިޓަކީ ރޭވިފައިވާ ގޮތަށް ނިމިގެންދާނެ މަޝްރޫއެއް ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބީއެމްއެލް އިން ވަނީ ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ“ ގެ ނަމުގައި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދާފައެވެ. މި ކުންފުނިން ހުޅުމާލެ އެއްވަނަ އަދި ދެވަނަ ފިޔަވައްސާއި، ވިލިމާލެ ހިމެނޭހެން ޖުމުލަ 3,260 ހައުސިން ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރެންޓް-ޓު-އޯން މޮޑެލްއަށެވެ. މިއީ ކުލި ދައްކައިގެން ދިރިއުޅެ ވަކި މުއްދަތަކުން ތަން މިލްކު ކުރެވޭ މޮޑެލްއެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ހައުސިން ޔުނިޓުގެ ބިންގާ މި މަހުގެ 21 ވަނަ ދުވަހު އަޅާފައިވާއިރު، ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާވެސް މިހާރު ވަނީ އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: