ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނު ހަނގުރާމައިގެ ޚަރަދުތައް ހަމަޖެއްސުމަށް އަރަބި ގައުމުތަކުގެ އެހީއަށް ޓްރަމްޕު ގޮވާލައްވަނީ

ޑޮނަލްޑު ޓްރަމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ހިނގާ ބިލިއަނުން ގުނޭ ބޮޑު ޚަރަދުތައް ހަމަޖެއްސުމަށް އަރަބި ގައުމުތަކުގެ ކިބައިން އެހީތެރިކަމަށް އެދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގަސްދުކުރައްވާފައިވާ ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ޓްރަމްޕްގެ ތަރުޖަމާނު ކެރޮލީން ލީވިޓް ވިދާޅުވީ، މިއީ ރައީސް ޓްރަމްޕް ވަރަށް ބޮޑަށް ޝައުގުވެރިވެލައްވާ ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ.

ލީވިޓް އިތުރަށް ވިދާޅުވީ، 1990 ވަނަ އަހަރުގެ ގަލްފް ހަނގުރާމައިގައި އެމެރިކާގެ ބައިވެރިން އެހީތެރިވި ފަދައިން، މިފަހަރުގެ ހަނގުރާމައިގެ ޚަރަދުތައް ވެސް އަރަބި ގައުމުތަކުން އުފުލުމަކީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ހުރި ކަމެއް ކަމަށެވެ. ”މިކަމާ ގުޅޭގޮތުން ރައީސް ވަކި ގޮތެއް ނިންމެވުމުގެ ކުރިން އަޅުގަނޑު އިތުރު ތަފްސީލެއް ނުދޭނަން. އެހެންނަމަވެސް، މިއީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ހުރި ކަމެއްކަން އަޅުގަނޑަށް އެނގޭ،“ ލީވިޓް ނޫސްވެރިންނަށް ވިދާޅުވިއެވެ.

1990 ވަނަ އަހަރު އިރާގުން ކުވެއިތަށް އެރި ވަގުތު، ބައިނަލްއަގުވާމީ އިއްތިހާދުގެ އަސްކަރީ ޚަރަދުތަކަށް ޖަރުމަނާއި ޖަޕާން ހިމެނޭހެން ސަރަހައްދީ ގައުމުތަކުން ވަނީ 54 ބިލިއަން ޑޮލަރު (މިހާރުގެ ނިސްބަތުން ނަމަ 134 ބިލިއަން ޑޮލަރު) ދީފައެވެ. ނަމަވެސް، މިފަހަރު އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެމެރިކާއާއި އިސްރާއީލުން ބައިވެރިންނާ މަޝްވަރާކުރުމެއް ނެތި އަމިއްލައަށް ފެށި ހަނގުރާމައެއްކަން ފާހަގަކުރެވެއެވެ.

ޓްރަމްޕާ ގާތް ގުޅުމެއް ބާއްވާ ކޮމެންޓޭޓަރެއް ކަމަށްވާ ސޯން ހެނިޓީ ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި އީރާނުން މި ހަނގުރާމައިގެ ހުރިހާ ޚަރަދެއް ދޭން ޖެހޭނެއެވެ. އަދި އެމެރިކާގެ އަސްކަރީ ހުރިހާ ޚަރަދެއް އީރާނުގެ ތެލުން ބަދަލު ދޭން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތަކީ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެމެރިކާއިން ދިނުން ކަމަށެވެ.

ބޮޑުވަމުންދާ ހަނގުރާމައިގެ ޚަރަދުތައް

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ. ’ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް‘ އިން އަންދާޒާކުރާ ގޮތުގައި ހަނގުރާމައަށް 12 ދުވަސްވީއިރު މި އަދަދު ވަނީ 16.5 ބިލިއަން ޑޮލަރަށް އަރާފައެވެ. ހަނގުރާމައަށް 31 ދުވަސްވެފައިވާއިރު، މިހާރު މި ޚަރަދު މިއަށްވުރެ މާ ބޮޑުވާނެ ކަމަށް ބެލެވެއެވެ.

މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަދަނީ ތަންތަނަށާއި، ހަކަތަ އުފައްދާ މަރުކަޒުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވައިޓް ހައުސްއިން މިހާރު ދަނީ މި ހަނގުރާމައަށާއި އަސްކަރީ ކޮލިތައް އާކުރުމަށް އިތުރު 200 ބިލިއަން ޑޮލަރު ހޯދުމަށް ކޮންގްރެސްގައި އެދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: