ވެރިކަމުގެ ދައުރު ކުރިއަށްދާއިރު، ކޮންމެ ދުވަހަކު ވެސް އިސްކަންދެނީ ގައުމީ މަސްލަހަތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޕީއެންސީން ކުރިޔަށް ގެންދިޔަ، ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުން ދަނީ ގައުމީ މަސައްކަތެއްކަމަށާއި، ޕީއެންސީއަކީ ހަގީގީ މާނައިގައި ގައުމިއްޔަތު ގަބޫލުކުރާ އަދި އެކަން ތަންފީޒުކުރާ ޕާޓީއެއް ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވެސް އެ މިސްރާބަށްކަމަށް ފާހަގަކުރެއްވިއެވެ.
އަމިއްލަ އެދުމުގެ ބަދަލުގައި މި ސަރުކާރަށް އަބަދުވެސް މުހިންމީ ގައުމުކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމުގެ ދައުރު ކުރިއަށްދާއިރު، ކޮންމެ ދުވަހަކު ވެސް އިސްކަންދެނީ ގައުމީ މަސްލަހަތަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޕާޓީން ވެސް އަމަލުކުރަނީ އަދި ގަބޫލު ކުރަނީ ވެސް ކަންކަން ހިނގަންވާނީ އެ އުސޫލުން ކަމަށެވެ.
ރައީސް ވިދާޅުވީ ތިމާއަށް ގައުމު ކޮށްދިނީ ކޮން ކަމެއްތޯ ބެލުމުގެ ބަދަލުގައި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގައުމުގެ ދަރިންނާއި އަންނާން އޮތް ޖީލުތަކަށްޓަކައި ކޮށްދެވޭނީ ކޮން ކަމެއްތޯ ބެލުމަށް ކަމަށެވެ.
ވޭޕް މަނާކުރުމަކީ ޒުވާން ޖީލު ހަލާކުވަމުންދާތީ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގައުމީ ވިސްނުމެއްގައި ނިންމެވި ނިންމެވުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ބަލިތައް ފެތުރެމުންދާ ނުރައްކާތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ”ޖެނެރޭޝަނަލް ބޭން“ ގެނައުމަށް ނިންމެވީ ޅަޖީލު ސަލާމަތްކުރުމުގެ ގައުމީ މަގުސަދުގައިކަމަށް ވިދާޅުވިއެވެ.

