ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހުރަސްނާޅާ، ފުރިހަމައަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އިންތިހާބު ކުރުމުގެ މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެމް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ޕީއެންސީން މިރޭ ކުރިޔަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރު ޖަވާބުދާރީކޮށް، ފާރުވެރިވުމަށް އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުދޭން ބުނެ އެމްޑީޕީ ދަނީ ކެމްޕެއިން ކުރަމުންނެވެ. އަދި މިއީ މިފަދަ ގޮތަކަށް ސަރުކާރާއި ދެކޮޅަށް ބަސް ބުނުމަށް ލިބޭނެ ފަހު ފުރުސަތުކަމަށް ވެސް ބުނެ އެވެ.
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ މުވައްސަސާއެއްގެ ގޮތުގައި، ބުނަމުންދާތީ މީގެ ކުރިން ވެސް ރައީސް މުއިއްޒު އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ. އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެއްވެސް މެންޑޭޓެއް ކައުންސިލްތަކުގެ ނޯންނާނެކަން ފާހަގަކުރައްފަ އެވެ.
މީގެއިތުރުން އެމަނިކުފާނު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރަށްތަކުގައި ފެށުމަށް ސޮއި ކުރި މަޝްރޫއުތައް ހުއްޓިފައި ވަނީ އިދިކޮޅު ކައުންސިލްތަކުން އެކަމަށް ހުރަސްއަޅާތީކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އެހެންވެ އެމަނިކުފާނު އެދިވަޑައިގަތީ ތަރައްގީ ނުހުއްޓުވާނެ ކައުންސިލެއް ހޮވުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ބިން ހަވާލުކުރުމާއި، ބިން ރަޖިސްޓްރީކުރުން ފަދަ ކަންކަން ކައުންސިލްތަކާ ހަވާލުކުރާއިރު، އެ ކައުންސިލްތަކުގައި ތިބެނީ އިދިކޮޅު ފިކުރުގެ މެމްބަރުންކަމަށްވާނަމަ މަޝްރޫއުތަކަށް ހުރަސްއެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެ ޕާޓީ އެމެމްބަރުންނަކީ ސަރުކާރާ އިދިކޮޅު ޕާޓީގެ މެންބަރުން ކަމަށްވެއްޖިއްޔާ، ކުރިއަށް އޮތް ދެ އަހަރާ ބައި ތެރޭގައި ރިޔާސީ އިންތިހާބު އަންނައިރު.. އިދިކޮޅު ކެންޑިޑޭޓުން ވިދާޅުވާ ގޮތަކަށް މަސައްކަތްކުރާ ކައުންސިލަރުން ތިބިއްޔާ މަސައްކަތް ހިނގިޔަނުދޭން އެކި ގޮތްގޮތުން މަސައްކަތް ކުރާނެ..
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ރަށްރަށަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދޭނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓުން ކަމަށެވެ. އެހެންކަމުން، ވޯޓު ދިނުމުގައި އަމިއްލަ އާއިލާ ނުވަތަ ވަކި މީހަކަށް ބެލުމުގެ ބަދަލުގައި، ރަށުގެ މުސްތަޤްބަލަށާއި ދަރިންގެ ދަރިންނަށް އެންމެ ފައިދާވާނީ ކޮން ބަޔަކު ހޮވައިގެންތޯ ވިސްނައި ސުވާލުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ކުރިޔަށް އޮތީ ވައުދުތަކުގެ އަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ހިނގާނެ އަހަރުތަކެއް ކަމަށެވެ. މިހާރުވެސް ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރެވި، ބައެއް މަސައްކަތްތައް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް އެކަންކަމަށް މަސައްކަތް ކުރެވިގެންދާއިރު، އެއްބާރުލުން ދޭން އޮތް ފަރާތަކީ، ޕްރޮޖެކްޓު ހުއްޓުވައި ތަރައްގީއަށް ހުރަސްއަޅާ ބައެއް ނަމަ އެއީ އަމިއްލަ މުސްތަގުބަލް ބަންދުކޮށް، މަޑުޖައްސާލުންކަމަށް ރައީސް ވިދާޅުވި އެވެ.

