ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށައި، ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ފޮޓޯ: ނިޝާން އަލީ \މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ފެށުމަށް ދަރަވަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ސިރުހާންއާއި، އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ދަރަވަންދޫ އެއާޕޯޓު ހިންގުން ރަސްމީކޮށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ޙަވާލުކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ.

ދަރަވަންދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ދަށުން ޖުމްލަ 814 އަކަމީޓަރުގެ ޖާގައެއް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރު ކުރުމުގެ އިތުރުން ޑިޕާޗަރ ހޯލުގައި ކެފޭއަކާއި ޑިޕާޗަރ ގޭޓެއް އިތުރުކުރުން ހިމެނެއެވެ. އީޕޯޗް އެސޯސިއޭޓްސްއިން ފަރުމާކޮށްފައިވާ މި ޓާމިނަލަކީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށް ބިނާކުރާ ތަނެކެވެ.

މި މަސައްކަތް ނިމުމުން އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތުދެއެވެ. އަދި 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ’ބޭބީ ކެއަރ‘ ފެސިލިޓީއެއް ވެސް މިތަނުގައި ހުންނާނެއެވެ. މި ބަދަލާއެކު އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބިގެންދާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިބްރާހިމް އިޔާސް ވިދާޅުވީ، ”މިއީ ބ. އަތޮޅާއި ދަރަވަންދޫގެ ތަރައްގީއަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް“ ކަމަށެވެ. ދަރަވަންދޫ އެއާޕޯޓަކީ މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓް އޮޕަރޭޓް ކުރާ ބާރު ބޮޑު އެއާޕޯޓެއްކަން ފާހަގަކުރައްވައި އިޔާސް ވިދާޅުވީ، މިހާތަނަށް 1.8 މިލިއަން ފަސިންޖަރުން މި އެއާޕޯޓުގެ ޚިދުމަތް ހޯދާފައިވާ ކަމަށެވެ.

10,000 އަށްވުރެ ބޮޑު އާބާދީއެއް އޮތް ބ. އަތޮޅުގެ ފަތުރުވެރިކަމަށް މި މަޝްރޫޢުގެ ސަބަބުން އިތުރު އާރޯކަމެއް ލިބި، ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: