ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލް ކުރުމަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުއްވައިދެއްވީ އެ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. މި ރަސްމިއްޔާތާ އެކު ލޯނު ދޫކުރުމުގެ އާ އުސޫލު ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ލޯނު ދޫކުރާނެ އާ އުސޫލު
ގެޒެޓުގައި އާންމުކޮށްފައިވާ އާ އުސޫލުގައިވާ ގޮތުން، ލޯނުގެ ގޮތުގައި ދަރިވަރަކަށް ދޫކުރެވޭނެ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ޓޮޕްއަޕް ލޯނާ ނުލައި އެންމެ ގިނައިން ދޫކުރެވޭނީ 2.5 މިލިއަން ރުފިޔާއެވެ. ނަމަވެސް 700,000 ރުފިޔާގެ ޓޮޕްއަޕް ލޯނަކާ އެކު ޖުމްލަ އަދަދު 3.2 މިލިއަނަށް އިތުރުކުރެވޭނެއެވެ. މިފަދަ ހާލަތްތަކުގައި ލޯނު ދޫކުރާނީ ޝަރުތު ހަމަވާ އިތުރު ގެރެންޓަރެއް ހުށަހެޅުމުން ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ’ކުރި ޕޯޓަލް‘ މެދުވެރިކޮށް ހުޅުވާލާފައެވެ. މިފަހަރުގެ އުސޫލަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ކުރިން ވަކި މުއްދަތެއްގެ ކުރިން ލޯނަށް ހުށަހަޅަން ޖެހުނު ނަމަވެސް، ދެން އަހަރުގެ ކޮންމެ އިރެއްގައި ވެސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތުމެވެ.
ތައުލީމީ ދާއިރާގެ ހަރަދުތަކުގެ ތަފާސްހިސާބު
ދަރިވަރުންގެ މަތީ ތައުލީމަށް ސަރުކާރުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2024 އިން 2025 އާ ހަމައަށް ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް އެކަނި ވެސް 471 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން 222 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ލޯނު ސްކީމްތަކުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ކުރި ހޭދައަށް ބަލާއިރު، ޖުމްލަ 1.2 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން 548 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރު އެކަނި ވެސް ލޯނު ސްކީމްތަކުގެ ދަށުން ދަރިވަރުންނަށް ދޫކުރެވުނު ފައިސާއެވެ.

