ލިބިގެންދިޔަ އައު އުޅަނދުތަކާއެކު ދިމާވާ ގޮންޖެހުންތައް ހައްލުވެ، ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.
ނަޒީމް މިހެން ވިދާޅުވީ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ބަރު އުޅަނދުތަކާއި މެޝިނަރީ ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނަޒީމް ވިދާޅުވީ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ތަރައްޤީގެ މަސައްކަތްތައް ހަލުވިކުރުމަށް ގެންގުޅުއްވި ދުރުވިސްނުންފުޅުގެ ދަށުން ކުރެވިގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ.
މިކަމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް ހަލުވިވެ، ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން އާރްޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާތަނަށް މަސައްކަތްތައް ކުރިއަށްގެންދިޔައީ ބޮޑެތި ގޮންޖެހުންތަކަކާއެކުކަން އޭނާ ފާހަގަ ކުރެއްވިއެވެ.
”މިހާރު މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑު ގޮންޖެހުތަކާއެކު ވަރަށް ދަތިހާލުގައި. މި މެޝިނަރީތަކާއެކު ވަރަށް ބޮޑު ހައްލުތަކެއް ލިބިގެންދާނެ. މިތަކެތީގެ ސަބަބުން މަސައްކަތުގެ ސްޕީޑް އަވަސްވެ، މަޝްރޫއުތައް ނިންމަންދީފައިވާ ތަރީހުތަކަށްވުރެ އަވަހަށް ނިންމުމަށް މަސައްކަތްކުރާނަން. އަދި އެކަމުގެ ޔަގީންކަން ރައީސްއަށް އަރުވަން، އަދި ދިވެހި ރައްޔިތުންނަށްވެސް އަރުވަން“
މި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވަނީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައި.ޑީ.އެސް) އާއި އާރް.ޑީ.ސީ އާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުންނެވެ. ޗައިނާގެ މަޝްހޫރު އެކްސް.ސީ.އެމް.ޖީ ކުންފުންޏާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން މެޝިނަރީތައް ލިބުމުގެ އިތުރުން، އައި.ޑީ.އެސް އަކީ މިހާރު ރާއްޖޭގެ ޑިސްޓްރިބިއުޓަރޝިޕް ލިބިފައިވާ ކުންފުނިކަންވެސް ނަޒީމް ފާހަގަކުރެއްވިއެވެ.
މި އައު އިންތިޒާމުގެ ސަބަބުން ރާއްޖޭގެ އެހެން ކުންފުނިތަކަށްވެސް މިފަދަ މެޝިނަރީތައް ބާޒާރުގެ އަގަށްވުރެ ހެޔޮ އަގުގައި ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކުގައި މަސައްކަތް ކުރާ ހުރިހާ ކުންފުނިތަކަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް އާރްޑީސީން ބުނެއެވެ.

