މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެލް) މެރިޓް އެވޯޑު 2025، ސެންޓަރ ފޮ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ.
އެމްއޭސީއެލްގެ މެރިޓް އެވޯޑަކީ ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުންދާ އެވޯޑެއްކަމަށް އެކުންފުނިން ހާމަކުރެއެވެ. އެގޮތުން މި އެވޯޑުވަނީ މިދިޔަ އަހަރު ވެސްް ދީފައި ކަމަށް އެމެއޭސީއެލް އިން ވަނީ ބުނެފައެވެ.
މި އެވޯޑު ދެނީ އެމްއޭސީއެލްގެ ގްރޭޑް އެގާރަ ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށް އަދި ފިރިހެން ދެ ދަރިވަރަކަށް ކަމަށް ވާއިރު މި ދަރިވަރުން ހޮވަނީ ސީއެޗްއެސްއީގެ ފަރާތުންނެވެ.
ސީއެޗްއެސްއީގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި މި އެވޯޑު ލިބުނު ހަތރަރު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖަރު އަލީ ހުޒެއިމްއެވެ.
އެގޮތުން މި އަހަރުގެ މި އެވޯދް ހާސިލް ކޮށްފައިވާ ދަރިވަރުންނަކީ؛ އަޒުވަދު ޒާހިދު ޙަމީދު، އިޒާން ޢަލީ، ހަމްދާ އަހްމަދު ޝިހާމް އަދި އައިޝަތު ނައުރީން ހަމްދީއެވެ.
އެމްއޭސީއެލްގެ ފަރާތުން މި ދަރިވަރުންނަށް ލެޕްޓޮޕަކާއި ވައިފައި ޑިވައިސްއެއްގެ އިތުރުން އެއް އަހަރު ދުވަހުގެ މުއްދަތަށް ޑޭޓާ ޕެކޭޖާއި، އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު ފައިސާގެ އެލަވެންސެއް ދޭނެކަމަށް އެކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.
މި ދެވޭ މެރިޓު އެވޯޑުގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ދަނީ ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންްޑް ދަރިވަރުންނަށް ފައިސާގެ އިނާމް ވެސް ދެމުންނެވެ. އަދި އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކަށް ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

