މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ރޭގެ ވަގުތެއްގައި އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، ރިޝްވާން އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން އެ ބޯޑުން މިހާރު ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައެވެ.
މިދިޔަ އަހަރުގެ ފެބްރެއަރީ މަހުގެ 3 ވަނަ ދުވަހު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަންކުރި ރިޝްވާން މަގާމުން އިސްތިއުފާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެގޮތަށް އެންގެވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
ރިޝްވާނަކީ މި ސަރުކާރުގައި އެމްޕީއެލްގެ އެމްޑީގެ މަގާމު ފުރުއްވި ދެވަނަ ބޭފުޅާއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން ވަކިކުރުމަށް ފަހުގައެވެ.
ރިޝްވާން އިސްތިއުފާ ދެއްވާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ދަނޑިވަޅެއްގައެވެ. އެ އިންތިހާބުގައި ސަރުކާރުން ހުށަހެޅި ކަންކަމަށް ރައްޔިތުންގެ ތާއީދު ނުލިބުމާ ގުޅިގެން، ދައުލަތުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.
މަގާމުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހު އާއި އެގްރޯނެޓްގެ އެމްޑީ ހުސައިންދީދީ ހިމެނެއެވެ. މީގެ އިތުރުން، ބައެއް ޑިޕްލޮމެޓުން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހިމެނެއެވެ.
މުންދު އާއި ސަލްމާ މަގާމުން ވަކިކުރި ސަބަބު ސަރުކާރުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، މުންދުގެ މަންމަ އަދި ސަލްމާގެ ދައްތަ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު، ޕީއެންސީއާ ދެކޮޅަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ އޯޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

