ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަ އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހޯމަ ދުވަހު އެ މަގާމުން ވަކިކޮށްފިއެވެ.
މި ދެ ބޭފުޅުންގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސެއިން ޝަރީފް ވެސް ވަނީ މިއަދު މަގާމުން ވަކިކޮށްފައެވެ. މަގާމުން ވަކިކުރި މުންދު އާއި އައިމިނަތަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނާއި ދަރިކަނބަލުންނެވެ. އަދި ޑރ. ސަލްމާ ރަޝީދަކީ އަސްމާގެ ކޮއްކޯފުޅެވެ.
ސަރުކާރުން މި ނިންމުން ނިންމާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ ރަޝީދު ދެއްކެވި ކަމަށް ބުނާ އޯޑިއޯއެއް މީސްމީޑިއާގައި ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ އޯޑިއޯގައި އަސްމާ ވަނީ ސަރުކާރު ކެންޑިޑޭޓަށް ވޯޓު ނުދިނުމަށް އެދިވަޑައިގެންފައެވެ.
މާފަންނު މެދު ދާއިރާގެ ކައުންސިލް ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ ނާކާމިޔާބުވެފައެވެ.
ކައުންސިލް ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު އައިޝަތު ހަންނާހު ކާމިޔާބު ކުރެއްވީ 941 ވޯޓުންނެވެ. އޭނާއާ ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓު އާސިޔަތު ރީސާ މުހައްމަދަށް ލިބުނީ 569 ވޯޓެވެ. ހަމައެހެންމެ، އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ވެސް 943 ވޯޓާއެކު އެމްޑީޕީން ކާމިޔާބު ކުރިއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 666 ވޯޓެވެ.
މަގާމުން ވަކިކުރެވުނު މުންދު އާއި ސަލްމާ އަދި އައިމިނަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ކުރީކޮޅު އެ މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނެވެ. މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މަގާމުން ވަކިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުގެ އިސް މަގާމުތަކުން މި ބޭފުޅުން ވަކިކުރި ސަބަބާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

