އައިކެއަރ އޮޕްޓިކަލްސްއިން ނިމިދިޔަ ރަމަޟާން މަހާ ދިމާކޮށް ކުރިއަށްގެންދިޔަ ”ނަޔާ ރޯދަ ހަދިޔާ“ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައި، އޭގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ކަމަށްވާ، ސްރީލަންކާއަށް ކުރާ އާއިލީ ދަތުރު ކާމިޔާބުކޮށްފައިވަނީ އިސްމާޢީލް އަފްޒަލް އެވެ.
”ނަޔާ ރޯދަ ހަދިޔާ 2026“ އަކީ ރަމަޟާން މަހު އައިކެއަރގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކަކާއެކު، އަގުހުރި އިނާމެއް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ކާމިޔާބު ކެމްޕޭނެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އައިކެއަރގެ އައުޓްލެޓްތަކުން އެއްފަހަރާ 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުންނަށެވެ.
މި ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް، ހަތަރު މީހުންގެ އާއިލާ ނުވަތަ ރައްޓެހިންނާ އެކު ސްރީލަންކާގައި 4 ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ދަތުރުގެ ތެރޭގައި ދެކޮޅު ފްލައިޓް ޓިކެޓާއި، ހުރުމާއި ކެއުންބުއިމުގެ އިތުރުން ސްރީލަންކާގެ ހިތްގައިމު މަންޒިލްތައް ކަމަށްވާ ކެންޑީ، ނުވަރައެލިއާ އަދި އެލާ ފަދަ ރަށްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.
މި ކެމްޕޭނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށްޓަކައި އައިކެއަރ އޮޕްޓިކަލްސްއިން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، މިފަދަ ބޮޑު ތަރުހީބަކުން ރަމްޒުކޮށްދެނީ ލޮލުގެ ފަރުވާއާއި އައިނު ހޯދުމުގައި ކަސްޓަމަރުން އައިކެއަރއަށް ކުރާ ބޮޑު އިތުބާރެވެ.
އައިކެއަރގެ އަބަދުވެސް އަމާޒަކީ ކަސްޓަމަރުންނަށް ފައިދާހުރި، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއާއިއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާގެ ޚިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދިނުމެވެ. އައިކެއަރއިން ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަފާތު ގިނަ ހަރަކާތްތަކާއި ޕްރޮމޯޝަންތައް ހިންގުމަށް ވަނީ ރާވާފައެވެ.

