ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ހަފްތާގައި ސްކޭމްތަކުން ގެއްލުނު ފައިސާގެ 70 އިންސައްތަ ހޯދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟
މިދިޔަ ހަފްތާގައި އެންޓި-ސްކޭމް ސެންޓަރަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ ފައިސާ އަނބުރާ ހޯދާފައިވާކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ.
މާރިޗު 29 އިން އޭޕްރީލް 4 ވަނަ ދުވަހާ ދެމެދު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ސްކޭމްތަކުން ގެއްލޭ ފައިސާ ހޯދުމުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.

އެންޓި-ސްކޭމް ސެންޓަރުން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، މިދިޔަ ހަފްތާގައި ޖުމްލަ 42 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މި މައްސަލަތަކުގައި ޖުމްލަ 322,270.00 ރުފިޔާ ގެއްލިފައިވާއިރު، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން 227,828.00 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން އޮޅުވާލައިގެން ހިންގާފައިވާ 30 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ 4 މައްސަލައަކާއި، މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލައެއް ވެސް ވަނީ ހުށަހެޅިފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ފިޝިންގ، ވިޝިންގ ނުވަތަ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްތަކުގެ އެއްވެސް މައްސަލައެއް މި މުއްދަތުގައި ރިޕޯޓްކޮށްފައި ނުވުމެވެ. މިއީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެއް ކަމަށް އެ ސެންޓަރުން ދެކެއެވެ.

އެންޓި ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ސްކޭމްތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ހޭލުންތެރިވުން ކަމަށެވެ. ”ސައްހަކަން ކަށަވަރުނުވާ އޮންލައިން މުއާމަލާތްތަކާ ދުރުހެލިވުމާއި، ކުއްލި ގޮތަކަށް ފައިސާ ފޮނުވަން އެދޭ މެސެޖުތަކަށް ސަމާލުވުމަކީ މުހިންމު ކަމެއް،“ އޭނާ ވިދާޅުވިއެވެ. އަދި ނޭނގޭ ލިންކުތަކަށް ނުފިއްތުމަށް ވެސް އިންސްޕެކްޓަރ ނަވީދު އިލްތިމާސް ކުރެއްވިއެވެ.

ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 އަށް ނުވަތަ 911 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަވަހަށް ރިޕޯޓްކުރުމަކީ ގެއްލޭ ފައިސާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: