އަސާސީ ބާވަތްތައް ލިބުމުގައި ދަތިިކަމެއް ކުރިމަތިވިޔަ ނުދިނުމަށް 164 ބާވަތެއްގެ މުދާ ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި އެތަކެތީގެ އަގު ބޮޑުކުރަމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވީ އަސާސީ ކާބޯތަކެތީގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ޖުމްލަ 164 ބާވަތެއްގެ މުދާ މިހާރުވެސް ވަރަށް ގާތުން މޮނިޓަރ ކުރަމުން ދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އޭގެ ތެރޭގައި ކައްކާ ގޭހާއި، ތެލާއި، ހަނޑޫ، ހަކުރު އަދި ފުށް ފަދަ ކޮންމެހެން ބޭނުންވާ ތަކެތީގެ އިތުރުން، އެހެނިހެން 26 ބާވަތެއްގެ މުދާ ދަތިވިޔަ ނުދީ ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
”“އަޅުގަނޑުމެންނަށް ވަނީ އެއްވެސް އަސާސީ ބާވަތެއްގެ ކާބޯތަކެތި ހުސްވިޔަނުދީ، އިރާދަކުރެއްވިއްޔާ މެނޭޖްކުރެވިފައި. އެއީ ހަނގުރާމަ ފެއްޓި ދުވަހުން ފެށިގެން ރައީސް އެންމެ ބޮޑު އިސްކަމެއް ދެއްވީ، ހަނގުރާމައިގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރެއް ދެނެގަނެ ވީހާވެސް އަވަހަށް ފިޔަވަޅު އެޅުން“
މިނިސްޓަރު ވިދާޅުވީ ގޭހުގެ އަގު މެނޭޖުކުރުމުގައި ހެދޭނެ ގޮތްތަކާ މެދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު މިއަދު ވަރަށް ގިނައިރު މަޝްވަރާ ކުރެއްވި ކަމަށެވެ. މިގޮތުން، ފަންނީ ބޭފުޅުންނާ ހަވާލާ ދެއްވައި ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ކަނޑައަޅަނީ މަހަކު އެއް ފަހަރު ކަމަށެވެ.
ބައެއް ގައުމުތަކަށް ބަލާއިރު ސައުދީގެ ތެޔޮ ކުންފުނި އަރަމްކޯގައި ގޭސް ޓަނެއް ވިއްކަނީ ގާތްގަނޑަކަށް 775 އެމެރިކާ ޑޮލަރަށެވެ. މިގޮތުން އެސްޓީއޯއިން މި މަހު ގޭހުގެ އަގު ކަނޑައެޅުމުގައި ބަލާފައި ވަނީ އެ ގައުމުގެ އަގުތަކަށް ކަމަށާއި ގޭހުގެ އަގު ކަނޑައެޅުމުގައި އޮންނަ މުއްދަތު ދިގުލާ ކަމަށް ސައީދު ވިދާޅުވިއެވެ.

