ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ސަޕްލައި މެދުނުކެނޑޭނެ ގޮތަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފޮރިންގ މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިންގ މިނިސްޓަރ ވިދާޅުވީ ކާބޯ ތަކެއްޗާއި ތެލާ ބޭސްފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގިނަ ޤައުމުތަކާއެކު މިހާރުވެސް ރަސްމީ މުޢާމަލާތްތައް ކުރަމުންދާ ކަމަށެވެ. އެ މަޝްވަރާތަކަށް ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ދިމާވެދާނެ ގޮންޖެހުންތަކުގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ޙައްލުތަކެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކުވެރި ޤައުމުތަކުގެ ކުންފުނިތަކާއި ރާއްޖޭގެ ބައެއް ކުންފުނިތަކާ ގުޅައިދީފައިވާ ކަމަށެވެ.
”ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ސަޕްލައި މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ދަނީ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ މުދާ ދަތިކަމެއްނެތި ރާއްޖޭގެ ބާޒާރުން ލިބެން އެބަހުރި“
މާލެ ވިޔަފާރި ބަނދަރަށް މުދާ ބޭލުމަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށްޓަކައި އެމްޕީއެލްއާ ކަމާ ގުޅޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

