ހުޅުމާލެ ހޮސްޕިޓަލުގެ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ ކުޑަކުދިންގެ ހަވީރެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ސަންގުޓީވީގެ ’ފުރަމެންދުރު‘ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިރެކްޓަރ ހުޝާމް އަބްދުލްހަކީމްއެވެ.
ހުޝާމް ވިދާޅުވި ގޮތުގައި މި ހަވީރަކީ ހޮސްޕިޓަލުގެ ފަރާތުން ދޭ މައުލޫމާތުތަކުގެ އިތުރުން، އުފާވެރި މާހައުލެއްގައި ކުޑަކުދިންނާއި މުޖުތަމައު ޝާމިލްވެގެން ކުރިއަށްގެންދާ މުނިފޫހިފިލުވުމުގެ ހަރަކާތެކެވެ. މިއީ ހޮސްޕިޓަލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭވިފައިވާ އެކި ހަރަކާތްތަކުގެ ތެރެއިން އާންމުންނަށް ހާއްސަކޮށްގެން ބާއްވާ މުހިންމު ހަރަކާތެކެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ހުޝާމް ވިދާޅުވީ، 2004 ވަނަ އަހަރު ހުޅުމާލޭގެ އާބާދީ މަދު ދުވަސްވަރު އެ ހޮސްޕިޓަލަކީ އިޖްތިމާއީ މަރުކަޒަކަށް ހާއްސަކޮށްފައިވާ އިމާރާތެއްގައި ފެށި ތަނެއް ކަމަށެވެ. ނަމަވެސް، 22 އަހަރުގެ ދިގު ރަސްތާއަކަށްފަހު 2026 އާ ހަމައަށް އައިއިރު، އެ ހޮސްޕިޓަލަކީ މިހާރު ޓާޝަރީ ފެންވަރުގެ ހިދުމަތްދޭ ހޮސްޕިޓަލަކަށް ބަދަލުވެފައިވާ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”އަހަރީ ދުވަހަކީ ހޮސްޕިޓަލުގެ މުވައްޒަފުން ވަރަށް ކެތްމަދުވެފައި ތިބޭ ދުވަހެއް. މިއީ ހޮސްޕިޓަލުގައި އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ އަދި އެންމެ ގިނަ މުވައްޒަފުން ބައިވެރިވާ ދުވަސް،“ ހުޝާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ހޮސްޕިޓަލުން ހޯދާފައިވާ ކާމިޔާބީތަކުގެ ފަހަތުގައި ތިބި މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުން ކަމަށެވެ.
ކުޑަކުދިންގެ ހަވީރުގެ އިތުރުންވެސް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ މެދުގައި ލީޑަޝިޕް ޕްރޮގްރާމްތައް ހިންގުމާއި، ފުލުހުންނާ ގުޅިގެން ހިންގުމަށް ރޭވިފައިވާ ހާއްސަ ޕްރޮގްރާމްތައް ހިމެނޭ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

