ބ. ހިތާދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސައިޓް މޮބިލައިޒްކޮށްފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް ސައިޓަށް ގެންގޮސް މޮބިލައިޒްކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.
ހިތާދޫ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީއެވެ.
ރައީސް މުއިއްޒު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމާއެކު، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އަދި މި މަޝްރޫއަކީ ހިތާދޫގެ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި މަޝްރޫއެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނީ ބިމުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ކަމަށެވެ.
މި މަޝްރޫއު ނިމުމުން ހިތާދޫއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

