އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުންދިޔަ ވަރުގަދަ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފިއެވެ. ނަމަވެސް މި ނިންމުމާއެކުވެސް، ލުބުނާނަށް ހަމަލާދިނުން ހުއްޓާނުލާނެ ކަމަށް ނިރުބަވެރި އިސްރާއީލުން ވަނީ ބުނެފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދެފަރާތުގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ކުރިއަށް ގޮސްފައިވެއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެއީ އީރާނާއި އޮމާނާ ދެމެދު އޮންނަ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެންނެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ތަން ހުޅުވުމަށް އީރާނަށް އިންޒާރު ދެއްވާފައެވެ. ޕާކިސްތާނުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވަނިކޮށް، ރޭ ޓްރަމްޕް ވަނީ އީރާނަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލާފައިވާކަން އިޢުލާން ކުރައްވާފައެވެ.
މި ނިންމުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، އީރާނަށް ދޭ ހަމަލާތައް ދެ ހަފްތާގެ މުއްދަތަށް މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. އެހެންނަމަވެސް، މި އެއްބަސްވުމުގެ ދަށުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އޭނާ ބުންޏެވެ.
”ލުބުނާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ،“ ނަތަންޔާހޫ ތަކުރާރުކޮށް ބުނެފައިވެއެވެ.
މީގެ އިތުރުން ނަތަންޔާހޫ ވަނީ އީރާނަކީ ނިއުކްލިޔާ ބާރެއް ނެތް ގައުމެއްގެ ގޮތުގައި ހެދުމަށް އެމެރިކާއިން ކުރާ މަސައްކަތަށް އިސްރާއީލުން ފުރިހަމައަށް ތާއިދުކުރާނެ ކަމަށްވެސް ބުނެފައެވެ. އޭނާ ބުނި ގޮތުގައި އީރާނުގެ ނިއުކްލިޔާ މަޝްރޫޢަކީ މުޅި ސަރަހައްދުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށްވާތީ، އެ މަޝްރޫޢު ހުއްޓުވުމަށް އެމެރިކާގެ ރައީސް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކަށް އިސްރާއީލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ.
މި މަސްރަހާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްޞަކޮށް ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގިނަ ޤައުމުތަކަކުން ދަނީ ބާރުއަޅަމުންނެވެ. ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް ކުރި އިލްތިމާސަށް އެމެރިކާއިން އިޖާބަދީފައިވީ ނަމަވެސް، އިސްރާއީލުން ލުބުނާނަށް ހަމަލާދޭނެ ކަމަށް ބުނުމުން މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

