ކައުންސިލް އިންތިހާބު ނިމުނުތާ 24 ގަޑިއިރު ނުވެ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެތެރެ ހޫނުވެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށް 55 މެމްބަރުންގެ ސޮޔާއި އެކު މިއަދު ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ގައުމީ މަޖިލީހުގެ 65 މެންބަރުންގެ ތާއީދާއެކު އެ މަގާމަށް އިންތިޚާބުކުރި ގަޕޯ ވަކިކުރުމުގެ ޕެޓިޝަން ޕާޓީ އޮފީހަށް ހުށަހެޅީ މިއަދުގެ މެންދުރު އެވެ. އަދި ޕެޓިޝަންގައި ގައުމީ މަޖިލީހުގެ 118 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ސޮއިކޮށްފައި ވެއެވެ.
ޕެޓިޝަންގައި ސޮއިކޮށް ހުށަހެޅުމުން، ގަޕޯ މަގާމުން ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށްޓަކައި، ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ގައުމީ މަޖިލީހުގެ 10 މެންބަރަކު ސޮއިކޮށް ހުށަހަޅައިފިނަމަ ޖަލްސާއެއް ބާއްވަން ޖެހެއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވާތީ، އެކަމާއި ގުޅޭގޮތުން ޣަފޫރާއި ”ސަންގު“ އިން ސުވާލު ކުރުމުން ވިދާޅުވީ 55 މެމްބަރުންގެ ޕެޓިޝަން ލިބިފައިވާކަމަށެވެ. އަދި އެ ޕެޓިޝަންއާއި ގުޅިގެން، އަސާސީ ގަވައިދު ބުނާ ގޮތުގެ މަތީން އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައި ވާނެކަމަށް ޣަފޫރު ވިދާޅުވި އެވެ. ޣަފޫރު ވިދާޅުވީ އޭނާ ވަކި ކުރުމަށް ހުށަހަޅާފައި ވާތީ، އެ މައްސަލައިގައި ބާއްވާ ޖަލްސާ އޭނާ ޗެއާރ ނުކުރައްވާނެ ކަމަށެވެ.
ޣަފޫރު ވަކިކުރުމަށް ސޮއި ކުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާއި، މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، މަޖިލީހުގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ހިމެނެ އެވެ.
އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވީ، މިދިޔަ ހޮނިހިރު ދުވަހު އޮތް އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހާގަކުރުމުގެ ތައްޔާރީތަކުގެ ތެރެއިންނެވެ. އެގޮތުން ޕާޓީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ފަހު ވަގުތު ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވަނިކޮށް ކުއްލިގޮތަކަށް އެޖެންޑާއިން ނަންތައް އުނި ކުރި އެވެ. އެ މައްސަލައިގައި ދެ ބޭފުޅުން ވެސް ޖަލްސާ ބޮއިކޮޓް ކުރެއްވިިއިރު ޖަލްސާ ކުރިޔަށް ދިޔަ ވަގުތު ބައެއް އެމްޑީޕީގެ މެމްބަރުން ދިޔައީ އަޑުގަދަކޮށް ”ރައީސް ނަޝީދު ކޮބާ“ ތޯ ސުވާލު ކުރަމުންނެވެ.
އެއަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި ވަނީ ވަކިކޮށްފަ އެވެ. ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރީ ގަޕޯ ސޮއި ކުރައްވައި ފޮނުވި ސިޓީއެއްގަ އެވެ. އަދި ދެބޭފުޅުން ވަކިކުރީ އެއީ ފައްޔާޒާއި ގާތް މެމްބަރުންނަށް ވާތީކަމަށް ޕާޓީގެ ތެރެއިން ތުހުމަތު ކުރެ އެވެ.
މި މައްސަލައިގައި ގަޕޯގެ އިސްތިއުފާއަށް ގޮވައި، ސޯޝަލް މީޑިއާގައި ވެސް ދަނީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޒުވާބު ކުރަމުންނެވެ. މިވަގުތު ގިނަ ބައެއްގެ ސުވާލަކީ ގަޕޯއަށް ވަކިގޮތަކަށް އަމަލު ކުރުމަށް އަންގަނީ ކޮން ބޭފުޅަކާއި މެދު އެވެ.
މީގެއިތުރުން އިންތިހާބުގެ ކާމިޔާބީގެ ”ކްރެޑިޓް“ ލިބެން ޖެހޭ ބަޔަކާއި މެދު ވެސް އިތުރު މައްސަލަތަކެއް ޕާޓީގެ ތެރޭގައި ވަނީ އުފެދިފަ އެވެ.

