ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްރޭއާއި، މައުރޫފް ވަކި ކުރީ ޗެއާޕާސަނަށް ބޭނުންވާ އެއްބާރުލުން ނުދޭތީ: ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް ވަކި ކުރީ އަސާސީ ގަވައިދު ބުނާ ގޮތުގެ މަތީން ޕާޓީގެ މަގާމުތަކުގައި ތިބެ އެބޭފުޅުންގެ ފަރާތުން ބޭނުންވާ އެއްބާރުލުން ނުދޭތީކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުތަކާއި އެކު އެމްޑީޕީގެ އެތެރޭގެ މައްސަލަތައް އަނެއްކާވެސް ވަނީ ގޯސްވެފަ އެވެ. ޕާޓީއަށް ލިބުނު ކާމިޔާބީއަކީ އެއީ ރައީސް މުހައްމަދު ނަޝީދުގެ މަސައްކަތްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް، އެމަނިކުފާނާއި ދެކޮޅަށް އެހެން ބަޔަކު ވެސް ވަނީ ނިކުމެ މިއީ ވަކި މީހެއްގެ މަސައްކަތެއް ނޫންކަމަށް ބުނެފަ އެވެ. އަދި ބޮޑު ދެ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ލިބުނު މި ކާމިޔާބީއަކީ ވަކި ބޭފުޅެއްގެ އެނބުރި އައުމާއި ގުޅިފައިވާ މޮޅެއް ނޫންކަމަށް ވެސް ބުނެފައި ވެއެވެ.

މި މައްސަލަތައް އިތުރަށް ގޯސްވީ، ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީ ބޭއްވި ޖަލްސާގައި ރައީސް ނަޝީދާއި، ކުރީގެ ޗެއާޕާސަން ވާހަކަ ދައްކަވާ ގޮތަށް ހަމަޖައްސައި އެކަން އެންގެވުމަށް ފަހު ކުއްލި ގޮތަކަށް އެޖެންޑާއަށް ބަދަލު ގެނައިކަމަށް ބުނެ އެވެ. ޣަފޫރު ވިދާޅުވާ ގޮތުގައި އެރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް، އެދިވަޑައިގަތީ އެ ދެބޭފުޅުން އަމިއްލައަށެވެ. އަދި އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރިކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަން ދޮގު ކުރާ މެމްބަރުން ވިދާޅުވާ ގޮތުގައި، ދެ ބޭފުޅުންނަށް ވެސް ގުޅުއްވައި ސްޕީޗު ތައްޔާރު ކުރުމަށް އެންގެވީ ޣަފޫރެވެ.

މިއާއި އެކު މިއަދުގެ ވަގުތެއްގައި ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ 55 މެމްބަރުންގެ ސޮޔާއި އެކު ހުށަހަޅާފަ އެވެ. މައްސަލައިގައި ސުވާލު ކުރުމުން، ޣަފޫރު ”ސަންގު“ އަށް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށެވެ. އަދި ވޯޓަކަށް ގޮސް ވަކި ކުރާނަމަ އެކަމަށް ތައްޔާރުކަމަށް ވިދާޅުވި އެވެ. ޣަފޫރު ވިދާޅުވީ އޭނާ ޗެއާޕާސަންގެ މަގާމަށް އައީ ވެސް ގައުމީ މަޖިލީހުގެ މެމްބަރުންގެ ވޯޓުން ކަމަށެވެ. އެހެންކަމުން ވަކި ކުރަން ޖެހޭނީ ވެސް ހަމަ އެ އަޣުލަބިއްޔަތުގެ ތެރެއިން ވޯޓެއް ނަގައިގެންކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޕާޓީގެ ދެ މަގާމަކަށް އެޅި ފިޔަވަޅާއި ގުޅޭގޮތުން ޣަފޫރު ވިދާޅުވީ ޕާޓީގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ޗެއާޕާސަނަށް އެއްބާރުލުން ދޭން ޖެހޭ ބައެއް ކަމަށެވެ. އަދި ޕާޓީގެ ކަންކަމުގައި އެ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާނެކަމަށް ވިދާޅުވި އެވެ. ނަމަވެސް ތަކުރާރުކޮށް ބޭނުންވާ ވަގުތުތަކުގައި ވެސް އެ އެއްބާރުލުން ނުލިބޭކަމަށް ޣަފޫރު ވިދާޅުވި އެވެ.

މި މައްސަލައިގައި ”ސަންގު“ އަށް މައުލޫމާތު ދެމުން އިބްރޭ ވިދާޅުވީ އޭނާ މަގާމުން ވަކި ކުރުމުގެ ކުރިން އެކަމުގެ ގާނޫނީ ލަފައަކަށް އެދި މައުރޫފްއަށް ޣަފޫރު ހުށަހެޅި ކަމަށެވެ. މަގާމުން ވަކި ނުކުރެވޭނެކަމާއި، އެކަން އަސާސީ ގަވައިދު ތަން ނުދޭއިރު މަގާމުން ވަކި ކުރުމުން ގަވައިދާ ހިލާފުވާނެކަމަށް ދެއްވި ލަފާގައި ވިދާޅުވުމުން ޣަފޫރު މައުރޫފް ފުރަތަމަ ވަކި ކުރީކަމަށް އިބްރޭ ވިދާޅުވި އެވެ. އިބްރޭއާއި މައުރޫފް މަގާމުން ވަކި ކުރިކަން އެންގީ ދާދި އެއް ވަގުތެއްގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: