ލަންކާގެ ކޮލަމްބޯ ބަނދަރުގައި ތާށިވެފައިވާ މުދާ ކޮންޓެއިނަރުތަކުގެ ތެރެއިން ރާއްޖޭގެ ބާޒާރަށް އެންމެ މުހިންމު ބާވަތްތައް ހިމެނޭ 80 ކޮންޓެއިނަރެއް އަވަސްކޮށްދިނުމަށް އެދިފައިވާކަމަށް އި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ރާއްޖެއާ ކޮލަމްބޯއާ ދެމެދު މުދާ އުފުލުމުގެ ދަތުރުތައް ކުރިއަށްދިޔަ ނަމަވެސް، ބައެއް ކޮންޓެއިނަރުތައް ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 4،200 އެއްހާ ކޮންޓެއިނަރު ލަންކާގައި ތާށިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ، ތާށިވެފައިވާ ކޮންޓެއިނަރުތަކުގެ ތެރޭގައި ވަކި ބާވަތްތަކެއްގެ މުދާ ހުރުމުން، އޭގެ ސަބަބުން ރާއްޖޭގެ މާކެޓަށް ދަތިތަކެއް ކުރިމަތިވެދާނެތީ އެކަމަށް ރިއާޔަތްކޮށް އެ މުދާ ގެނައުން އަވަސްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް ބާޒާރުގައި ލިބުން ދަތިވެދާނެ ކަމަށް ބެލެވޭ ދެ ބާވަތެއް އަވަސްކުރުމަށް ވިޔަފާރިވެރިންގެ ފަރާތުން އެދިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ހެނދުނު ވިދާޅުވި ދެ ޕްރޮޑަކްޓެއް އަވަސްކުރަން ބާޒާރުން އަޅުގަނޑުމެންނަށް ރެކުއެސްޓް ކޮށްފައި އެބައިން. އެހެންވެ އެ ދެ ބާވަތްވެސް އަޅުގަނޑުމެން މިދަނީ އަވަސްކުރަމުން،
މިނިސްޓަރ ވިދާޅުވި ގޮތުގައި މިހާރު އެންމެ އިސްކަމެއް ދީގެން ގެނައުމަށް މަސައްކަތް ކުރަމުންދަނީ ސަންފްލާވާ ތެލާއި ކިރުގެ ބާވަތްތަކެވެ. މި ތަކެތި ހިމެނޭހެން ޖުމްލަ 80 ކޮންޓެއިނަރެއް އަވަހަށް ފޮނުވައިދިނުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ސައީދު ފާހަގަކުރެއްވީ، މި ބާވަތްތައް އަދި ރާއްޖޭގެ ބާޒާރުން މުޅިން ހުސްނުވާ ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ އަމާޒަކީ އެތަކެތި ހުސްވުމުގެ ކުރިން ބާޒާރަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި، އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްކުރުންކަމަށް ވަނީ ވިދާޅުވެފަ އެވެ.
ސައީދު ވިދާޅުވީ، ރާއްޖެއަށް މުދާ ގެނައުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ނަމަވެސް، ސްރީލަންކާގެ ބަނދަރުގައި ރާއްޖެއަށް އަންނަން ހުރި 4،200 އަށްވުރެ ގިނަ ކޮންޓެއިނަރު ތާށިވެފައިވާ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި މާލޭ ވިޔަފާރި ބަނދަރަށް ހުރި ގޮންޖެހުންތަކާއި ލަންކާގައި މުދާ މަޑުޖެހުމުގެ ސަބަބުން ބާޒާރަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީން ދަނީ އިމްޕޯޓަރުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މާކެޓުން މި ބާވަތްތައް ހުހެއް ނުވޭ. އެހެންނަމަވެސް ހުސްވިޔަ ނުދީ، މި ތަކެތި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެހެން މުދަލަށްވުރެ ބޮޑު އިސްކަމެއް ދީގެން މި ދަނީ އަވަސްކުރަމުން
ސައީދު ވިދާޅުވީ، ސަރުކާރުން ދަނީ ކޮންމެ ދުވަހަކުވެސް ބާޒާރުގެ އަގުތަކާއި މުދާ ހުރި މިންވަރު ކައިރިން ބަލަމުން ކަމަށެވެ. އަދި މިހާތަނަށް ކާޑުގެ ބާވަތްތަކާއި، ތެޔޮ އަދި ގޭސް ފަދަ އަސާސީ އެއްވެސް އެއްޗަކަށް ދަތިނުވެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު، މުދާ ގެނައުމުގައި އެންމެ ފަސޭހަވާނެ އައު މާކެޓުތަކާއި ރޫޓުތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން މެދުނުކެނޑި ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އިންޑޮނޭޝިއާ ފަދަ ގައުމުތަކުން އަސާސީ މުދާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުން މުދާ ގެނައުމަށް ބައެއް ބަދަލުތައް އައި ނަމަވެސް، އެއާކާގޯ މެދުވެރިކޮށް މުދާ އަންނަ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ތަފާސްހިސާބުތައް ދައްކާގޮތުން މުދާ ގެނައުން ކޮންމެވެސް ވަރަކަށް ދަށްވެފައި ވަނީ ދުބާއީ މަގުން އެކަންޏެވެ.

