ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން އައު ޖީލަކަށް ފުރުސަތު ދިނުމަށް އެދި، އެމްޑީޕީގެ ޗެއާޕާސަންކަމަށް މީކާއިލް ވާދަކުރަނީ!

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ލީޑަޝިޕްގެ ތެރެއަށް އާ ޒުވާން ޖީލެއް އުފެއްދުމަށް ފުރުސަތު ދިނުމަށް އެދި ޕާޓީގެ ދާއިމީ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލައްވާނެކަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

އިންތިހާބަށް އިއުލާނު ކުރުމާއި ގާތްވެފައި ވަނިކޮށް އާންމު ކުރެއްވި ވީޑިއޯގައި މީކާއިލް ވިދާޅުވީ މިވަގުތު އެމްޑީޕީގެ އެންމެ އިސް އަމާޒަކަށް ވާންވީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީއަށް އެންމެ މުހިންމީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދައި، ޕާޓީގެ ސަފުތައް ބަދަހިކުރުންކަމަށް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވި ގޮތުގައި އެކަން ހާސިލު ކުރެވޭނީ ވަކިވަކި ލީޑަރުންނާއި، ވަކި ބައެއްގެ މަސްލަހަތަށް ވުރެ ޕާޓީ އިސްކޮށް އާންމު މެމްބަރުންނާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ފަރާތެއް ޕާޓީގެ ހިންގުމާއި ހަވާލުވެގެން ކަމަށެވެ. އަދި އެ މީހަކު ވާން ޖެހޭނީ އެއްވެސް ތަފާތު ކުރުމެއް ނެތި، މޫނަކަށް ނުބަލައި ހަމަހަމަކަމާއި އެކު ޕާޓީ ހިންގާނެ ލީޑަރަކަށްކަން މީކާއިލް ފާހަގަކުރެއްވި އެވެ.

އެކަން ކުރެވޭނީ ވަކިވަކި ލީޑަރުންނާއި ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ފަރާތެއް ޕާޓީގެ ހުންގާނާ ހަވާލުވެގެން. މޫނަކަށް ކަނދުރާއަކަށް ނުބަލާ ހަމަހަމަކަމާއެކު ޕާޓީ ހިންގާދޭނެ ފަރާތެއް ޕާޓީއާ ހަވާލުވެގެން

މީކާއިލް ވިދާޅުވީ، އަބަދު އެއް މޫނުތަކެއް އަދި އެއް ފިކުރެއްގެ ބަދަލުގައި، އައު ޒުވާން ޖީލަކަށް ޕާޓީގެ ލީޑަޝިޕުން ފުރުސަތު ދޭންޖެހޭ ކަމަށެވެ. އޭނާގެ ސިޔާސީ ހަޔާތް ފެށިގެން އައި ދުވަހަށް އިޝާރާތް ކުރައްވައި މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު އޭނާ ގުނަމުންދާއިރު އެމްޑީޕީގެ ތެރެއިން ގިނަ ބަޔަކު އޭނާ ދަންނަން ފެށީ އުމުރުން 18 އަހަރުގައި، 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ގެ ބަޣާވާތަށްފަހު ރާޅުގަނޑު ސަރަހައްދުގައި އޮތް އެއްވުމެއްގައި ވާހަކަ ދައްކައިގެން މަތީ ސާނަވީގެ ސްކޫލުން ވަކިކުރި ދަރިވަރެއްގެ ގޮތުގައި ކަމަށެވެ.

އޭގެ ފަހުން ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު މެންބަރެއްގެ ގޮތުގައި އިންތިހާބުކޮށްދެއްވީތީ އާންމު މެންބަރުންނަށާއި ގަލޮޅު ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. އެހެންކަމުން އެ މަސައްކަތްތަކުގެ ތަޖުރިބާ ހާސިލް ކުރުމަށްފަހު، ޕާޓީގެ ހިންގުމުގައި ޒުވާނުންނަށް ފުުރުސަތު ލިބެން ޖެހޭކަމަށް ގަބޫލު ކުރެވޭތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ނިންމިކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ އާންމު މެންބަރުންނާއެކު ކޮންމެ ހާލެއްގައިވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ އަބަދުވެސް ދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: