ޙައްޖުވެރިން މައްކާގައި ތިބޭ، ޙައްޖު ކޯޕަރޭޝަންގެ ހޮޓާ މަރާމާތުކޮށް އަޕްގްރޭޑްކުރަން ކުރަންޖެހޭ މަސައްކަތްތައް ހޮޓަލުގެ ވެރިފަރާތާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޙައްޖުގެ އެކި އެކި ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝަކީލް ވިދާޅުވީ، ޙައްޖުވެރިންގެ ވިސާގެ އެންމެހާ ކަންކަންވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިއަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އެންމެހާ އިންތިޒާމްތައް ފުރިހަމަ ކޮށްފައިވާ ކަމަށް ވެސް ޝަކީލް ވަނީ ވިދާޅުވެފައެވެ.
ޝަކީލް ވިދާޅުވީ، މިދިޔަ ޙައްޖު މޫސުމުގައި ދިން ޚިދުމަތްތަކަށް ބަލާ، ޙައްޖުގެ އިންތިޒާމުތަކާއި ޚިދުމަތްތައް ލުއިފަސޭހަކޮށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ދަނީ ކުރަމުން ކަމަށެވެ. އަދި މިކަންކަން ވަރަށް ގާތުން ބައްލަވާ، ޚިދުމަތްތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިރުޝާދުވެސް ލިބެމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިދިޔަ ޙައްޖު މޫސުމުގައި ޚިދުމަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، ކަންކަން ރަނގަޅު ކުރުމަށް އޮންނަ ފުރުޞަތުގެ ތެރެއިން، މިއަހަރަށް އިތުރު ކަންކަން ފުރިހަމަވާނެކަމަށް ވެސް ވަނީ ވިދާލުވެފައެވެ.
މިނާގެ ފާހަނާތައް މަދުވުމުގެ ޝަކުވާ މިދިޔަ ފަހަރު ލިބުނު. އެކަމަށް ރިޢާޔަތްކޮށް ސަޢުދީ ސަރުކާރުގެ ކަމާގުޅޭ މުވައްސަސާތަކާއެކު މަޝްވަރާކޮށް، އަޅުގަނޑުމެން އެދުނު ގޮތަށް ފާހަނައިގެ އަދަދު 4 ނުވަތަ 5 ގުނަ އިތުރުކޮށްފަވަނީ.“ ޝަކީލް ވިދާޅުވިއެވެ.
ޙައްޖުގެ އިންތިޒާމްތަކަށް ޙައްޖު މިޝަންއާއި އެޑްވާންސް ޓީމް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، މެއި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓް އޮންނާނީ، މެއި މަހުގެ 15 ވަނަ ދުވަހުއެވެ.ޙައްޖުވެރިންގެ މަދީނާ ދަތުރު މިއަހަރުވެސް އޮންނާނީ، ހައިސްޕީޑް ޓްރެއިންގައެވެ. އަދި ޙައްޖުގެ އަޅުކަން ނިންމާ އަނބުރާ ރާއްޖެ އަންނާނީ، މަދީނާ މަގުންނެވެ. މިއަހަރުވެސް ފްލައިޓް ދަތުރުތައް ބާއްވާނީ، މޯލްޑިވިއަން އަދި ސައުދިއާ އެއާލައިންގެ ފްލައިޓްތަކުގައެވެ.
މި އިންތިޒާމްތައް ހަމަޖެއްސުމުގެ އެންމެހާ މަރުޙަލާތަކުގައި ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކަންކަން ވަރަށް ގާތުން ބައްލަވާ ޚިދުމަތްތައް ފުރިހަމަ ކުރުމަށް އިރުޝާދު ދެއްވަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ، ދެން ކުރިއަށްދާނީ ޙައްޖުވެރިންނަށް ދީނީ މަޢުލޫމާތު ދިނުމާއި، ސިއްޙީ އަދި އެހެނިހެން ގޮތްގޮތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުން ކަމަށާއި، މިކަމާއި ގުޅޭ އިދާރީ މަސައްކަތްތައްވެސް ފުރިހަމަ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

