މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު މެއި މަހުގެ 15 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. ޙައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގެންދިއުމަށްޓަކައި ޖުމްލަ ހަތަރު ފްލައިޓެއް ވަނީ ހަމަޖައްސާފައެވެ.
ޙައްޖު ކޯޕަރޭޝަނުން މައުލޫމާތުދޭ ގޮތުގައި، ޙައްޖުވެރިން ސައުދީއަށް ދިއުމަށް ހަމަޖެހިފައިވަނީ ސައުދިއާ އެއާލައިންސް އަދި ގައުމީ އެއާލައިން މޯލްޑިވިއަންގައެވެ. އެގޮތުން މެއި 15 ގައި ފުރާ ފުރަތަމަ ފްލައިޓަކީ ސައުދިއާގެ ފްލައިޓެކެވެ. މި ފްލައިޓުންދާ ޙައްޖުވެރިން އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.
ދެވަނަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މެއި 17 ގައެވެ. މޯލްޑިވިއަންގެ މި ފްލައިޓުންދާ ޙައްޖުވެރިން އެނބުރި ރާއްޖެ އަންނާނީ ޖޫން 7 ގައެވެ. ތިންވަނަ ފްލައިޓު މެއި 18 ގައި ސައުދިއާގައި ފުރުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓުގެ ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޖޫން 8 ގައެވެ.
ޙައްޖުވެރިންގެ އެންމެ ފަހު ފްލައިޓު ފުރުމަށް ތާވަލުކޮށްފައިވަނީ މެއި 19 ވަނަ ދުވަހުއެވެ. މޯލްޑިވިއަންގެ މި ފްލައިޓުން ދަތުރުކުރާ ފަރާތްތައް އަޅުކަމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖޫން 9 ވަނަ ދުވަހުއެވެ. ޙައްޖު ކޯޕަރޭޝަނުން ބުނީ މިއީ މިވަގުތަށް ފުރުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް ކަމަށާއި، ތާވަލަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން އަންގާނެ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުން އަންނަނީ 1000 ޙައްޖު ކޯޓާއެވެ. މިއަހަރުވެސް އެ އަދަދަށް ދިވެހި ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

