އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ތެރެއިން، އަލްޖަޒީރާ މުބާޝަރުގެ ނޫސްވެރިޔާ މުހައްމަދު ވިޝާހް މިއަދު ޝަހީދުކޮށްލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިޝާހް ޝަހީދުކޮށްލާފައިވަނީ ޣައްޒާ ސިޓީގެ މައި މަގަކުން އޭނާ ދަތުރުކުރަމުންދިޔަ ވެހިކަލަށް އަމާޒުކޮށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައެވެ. މި ހަމަލާ ދިން ވަގުތު އޭނާ ދަތުރުކުރި ކާރުގައި އިތުރު ބަޔަކުވެސް ތިއްބެވެ.
މުހައްމަދު ވިޝާހްގެ މަރާއެކު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ ނޫސްވެރިންގެ ޖުމްލަ އަދަދު މިހާރު ވަނީ 262 އަށް އަރައިފައެވެ. މީގެ ކުރިންވެސް އިސްރާއީލުން ވަނީ އަލްޖަޒީރާގެ މަޝްހޫރު ނޫސްވެރިން ކަމަށްވާ ޝީރީން އަބޫ އާގިލާ އާއި އިސްމާއީލް އަލް ޣޫލް ފަދަ އެތައް ނޫސްވެރިންނެއް އަމާޒުކޮށް ހަމަލާދީ ޝަހީދުކޮށްލާފައެވެ.
އެއްބަސްވުންތަކާ ހިލާފަށް ހަމަލާތައް ދަނީ ކުރިއަށް
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދާ މި ދަނޑިވަޅުގައިވެސް އިސްރާއީލުން ދަނީ އެއްބަސްވުންތަކާ ހިލާފުވަމުންނެވެ. އެ އޮފީހުން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ހިލާފަށް އިސްރާއީލު ސިފައިން ވަނީ 2،000 އަށް ވުރެ ގިނަ ފަހަރު ހަމަލާތައް ދީފައެވެ.
އިސްރާއީލުން މިހާރު އާންމުކޮށް ހަމަލާތައް އަމާޒުކުރަމުން ދަނީ ޣައްޒާގައި ހިނގަމުންދާ ޖަރީމާތައް ދުނިޔެއަށް ހާމަކޮށްދެމުންދާ ނޫސްވެރިންނަށެވެ. މިއީ ހަގީގަތް ފޮރުވުމަށްޓަކައި އިސްރާއީލުން ގަސްތުގައި ހިންގާ ލާނުސާނީ އަމަލުތަކެއްގެ ގޮތުގައި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ސިފަކުރަމުންނެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ މި ހަނގުރާމައަށް ހަ މަސް ދުވަސް ވެފައިވާއިރު، ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ކުށެއްނެތް އާންމުން ދަނީ ޝަހީދުވަމުންނެވެ.

