ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ފެތުރި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގި ވަގުތު ތެޔޮ ބޯޓުގައި ދެ މީހުން ތިއްބެވެ. ބޯޓުގައި އަލިފާން ރޯވުމާއެކު އެ ދެ މީހުންވެސް ވަނީ މޫދަށް ފުންމާލާފައެވެ. ނަމަވެސް، މި ހާދިސާގައި ބޯޓުގައި ހުރި ބިދޭސީއަކު ފިހިގެން އަނިޔާވެފައިވާތީ، އޭނާއަށް ފީއަލީ ސިއްހީ މަރުކަޒުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މަންޒަރު ދުށް މީހުން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވުމުގެ ކުރިން ބޯޓުން ވަރަށް ބާރުގަދަ އަޑެއް އިވިފައިވެއެވެ. އެއާއެކު ބޯޓުގައި އަލިފާން ރޯވެ، ބޯޓާ ޖެހިގެން އޮތް ތިން ދޯންޏެއްގައިވެސް އަލިފާން ހިފާފައިވާ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.
މީގެ އިތުރުން، ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައިވެސް ވަރަށް ބޮޑަށް ރޯވެފައިވާއިރު، އަލިފާންގަނޑު ވަނީ އެ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑާ ހަމައަށްވެސް ފެތުރިފައެވެ. މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންނާއި، ކަމާގުޅުންހުރި އިދާރާތަކުންނާއި ރަށުގެ ރައްޔިތުން ގުޅިގެން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދާނެއެވެ.

