އިންތިހާބުތަކުން އެމްޑީޕީ ފެއިލްވެ، ޕާޓީ މަގުމަތިވި ދުވަހު ޕާޓީ އަލުން ކޮޅަށް ޖަހައިދިން މީހަކީ އޭނާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ ޕާޓީގެ އެތެރޭގެ ބައެއް ކަންކަން ހިނގައިދިޔަ ގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
ޣަފޫރު ވިދާޅުވީ ކެމްޕެއިން ކޮމިޓީގެ ފަރާތުން ރާއްޖޭގެ އެކި ސިޓީތަކަށް ވަޑައިގަތުމަށް ރައީސް މުހައްމަދު ނަޝީދަށް ދައުވަތު އެރުވި ކަމަށާއި، ނަމަވެސް އެމަނިކުފާނު އެ ދަތުރުތަކުގައި ވަޑައިގަތުމަށް ފުރަތަމަ ދެކޮޅު ހެއްދެވި ކަމަށެވެ.
އެމްޑީޕީގެ ކެމްޕެއިން ޓީމުން އައްޑޫ އާއި އެހެނިހެން ސިޓީތަކަށް ދަތުރުކޮށް، އެ ސަރަހައްދުތަކުން ފެނުނު ބޮޑު ތަރުހީބާއި ”ކްރައުޑް“ ފެނުމުން ރައީސް ނަޝީދު އެތަންތަނަށް ވަޑައިގަތީ ކަމަށް ޣަފޫރު ފާހަގަކުރެއްވިއެވެ.
މާލޭގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތްތަކާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ، ކެމްޕެއިން ޓީމުތަކާއެކު ރައީސް ނަޝީދު ވަޑައިގަތުމަށް ވަރަށް ބޮޑަށް އަދޭސްކުރި ނަމަވެސް އެމަނިކުފާނު ވަޑައިނުގަންނަވާ ކަމަށެވެ. މީގެ އިތުރުން ޒަރިޔަންދަށް ލިބުނު ވޯޓަކީ ޔާމީނުގެ ވޯޓެއް ނޫން ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް ޕާޓީގެ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަލްސާތަކުގައި ވާހަކަދެއްކުމުގެ ފުރުސަތާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ، ފައްޔާޒް އިސްމާއިލާއި ރައީސް ނަޝީދުވެސް ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެން ގުޅުއްވި ކަމަށެވެ. ނަމަވެސް ޕާޓީގެ ކަންކަން ނިންމަނީ އަމިއްލައަށް ނޫން ކަމަށްވުމުން، އެކަމަށް ވަގުތުކޮޅެއް ދިނުމަށް އެދިވަޑައިގެންފައި ވަނިކޮށް، މާ ގިނަ އިރުތަކެއް ނުވަނީސް ޖަލްސާ ބޮއިކޮޓް ކުރިކަމުގެ ޚަބަރު ފެތުރިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ދުވަހު އިންތިހާބުތަކުންނާއި ބައި-އިލެކްޝަންތަކުން ފެއިލްވެ ޕާޓީ މަގުމަތިވެފައި ވަނިކޮށް، ޕާޓީ އަލުން ނަގައި ކޮޅަށް ޖެހި މީހަކީ އޭނާ ކަމަށެވެ. އަދި މިއަދުގެ ހަގީގަތަކީ އެއީ ކަމަށާއި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

