ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފްތާގައި ބޭއްވުމަށް ތާވަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ގިނަ ދުވަސްތަކަކަށްފަހު ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ތާވަލުކޮށްފައެވެ.

މި މައްސަލަ ބައްލަވާނީ ސުޕްރީމް ކޯޓުގެ މުޅި ބެންޗުންނެވެ. ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ސަލީމެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ކުރިން ތާވަލުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހަށެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި އިސްލާހަކީ ވަރަށް އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި އިސްލާހެކެވެ. މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލު، ހަމަ އެ ދުވަހު ފާސްކޮށް، އެރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވާފައެވެ.

ގާނޫނުއަސާސީއަށް ގެނައި މި އިސްލާހުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވި މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުން، ނުވަތަ އަމިއްލަގޮތުން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ސޮއިކުރުން، ނުވަތަ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

މި އިސްލާހާ ދެކޮޅަށް ގާނޫނީ ވަކީލުންނާއި ކުރީގެ ބަންޑާރަ ނައިބުން ހިމެނޭހެން ގިނަ ބަޔަކު އަޑުއުފުލަމުންދާއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ވަނީ މި މައްސަލައަށް ތަދައްހުލުވުމަށް ނިންމާފައެވެ. މި މައްސަލައިގެ ނިންމުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށާއި މަޖިލީހުގެ މެންބަރުންގެ މިނިވަންކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ނިންމުމެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: