ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ޕޭމަންޓްގެ ތަފްސީލު ބެލޭނެގޮތް ހަމަޖައްސައިފި

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒުކުރަން ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މި ސްކީމް ތަންފީޒުކުރަން ފެށިފަހުން ސްކީމް ހިންގުމުގެ ނިޒާމް ހަރުދަނާކުރުމުގެގޮތުން ސްކީމަށްވަނީ ގިނަ ބަދަލުތަކެއް ގެނެވިފައެވެ.

މިގޮތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދެވުނެވެ. މީގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ސްކީމްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވެގެންދިއައެވެ.

ޖުމުލަ 5600 އަށްވުރެ ގިނަ ދަރިވަރުންދަނީ މިއަދު މި ސްކީމްގައި ކިޔަވަމުންނެވެ. މިއަދު މި ތައާރަފްކުރެވުނު ޕޯޓަލްގެ ނިޒާމަކީ އެޕްލިކޭޝަންވެސް ހުށަހަޅާ ޕޯޓަލް myedu.egov.mv މެދުވެރިކޮށް، ދަރިވަރުންގެ ކޯހުގެ ފީ ޕޭމަންޓް ސްޓޭޓަސް ބެލޭނެ ނިޒާމެކެވެ.

މި ސްކީމް ތަންފީޒުކުރަން ފެށިއިރު، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ބައެއް ދަރިވަރުންވަނީ އަމިއްލަ ޚަރަދުގައި ކޯސް ފީ ދައްކާފައެވެ. ވީމާ، ސަރުކާރުން ނިންމީ ދަރިވަރުން ދައްކާފައިވާ ފީ ގެ ތަފްސީލާއިއެކު މިނިސްޓްރީއަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ސްޓޭޓް ރޭޓުން ފީ ރީފަންޑް ކޮށްދިނުމަށެވެ.

މިގޮތުން ރީފަންޑްގެ ގޮތުގައި 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވެއެވެ. ފީ ރީފަންޑްކުރުމަށް ތިން ފަހަރެއްގެ މަތިން މިނިސްޓްރީއިން މުއްދަތު އިތުރުކޮށްދިނެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މި ތައާރަފްކުރެވުނު ޕޯޓަލް މެދުވެރިކޮށް، ދަރިވަރެއްގެ އެކަޑަމިކް އަހަރަށް ކަނޑައަޅާފައިވާ ސްޓޭޓް ރޭޓު ހަމަވެފައިނުވާނަމަ، އިތުރު ޑޮކިއުމެންޓެއް ދަރިވަރު މިނިސްޓްރީއަށް ހުށަހެޅުމަކާއިނުލާ މިނިސްޓްރީއިން ދަރިވަރަށް ފީ ރީފަންޑްކޮށްދެވޭނެއެވެ.

މި ސްކީމް ތަންފީޒުކުރަން ފެށުނީ ދަރިވަރުންގެ ކިޔެވުމުގެ ޚަރަދު މަރުކަޒުތަކަށް މިނިސްޓްރީއިން ދޫކުރާ އުސޫލުންނެވެ. މިގޮތުން، 35 މިލިއަނަށްވުރެ ގިނަ ރުފިޔާ މިނިސްޓްރީއިން މަރުކަޒުތަކަށްވަނީ ދޫކޮށްފައެވެ. އެހެންނަމަވެސް، ބައެއް މަރުކަޒުތަކުން އިންވޮއިސް ލިބުން ލަސްވުމުގެ ސަބަބުން އިދާރީ މަސައްކަތްތައް ބުރޫއަރަމުންދިޔުމާއި، ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދު އޭގެ އެއްމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށްޓަކައި، މިނިސްޓްރީއިން 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އުސޫލު ބަދަލުކޮށް، ސީދާ ދަރިވަރަށް ފައިސާ ދޫކުރުމަށް ނިންމުނެވެ. ދަރިވަރަށް ފައިސާ ދޫކުރުމަށްޓަކައި ފަންޑް ރިކުއެސްޓް ފޯމެއް ފުރުމަށްފަހު މިނިސްޓްރީއަށް އީމެއިލްކުރުމަށް ދަރިވަރުންނަށް އެންގުނެވެ.

މި އިންތިޒާމުގެ ތެރެއިން އެކަޑަމިކް އަހަރަކު 2 ފަހަރު ދަރިވަރުންނަށް ފައިސާ ދޫކުރެވޭނެއެވެ. ދަރިވަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން،  މި ތައާރަފްކުރެވުނު ޕޯޓަލްގެ ނިޒާމާއިއެކު، ދަރިވަރުން ފޯމެއް އީމެއިލްކުރުމަކާނުލާ، ދަރިވަރު އެޕްލިކޭޝަންއާއިއެކު ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކަޑަމިކް އަހަރުގެ ފުރަތަމަ ޕޭމަންޓް ދަރިވަރުގެ އެކައުންޓައް ޖަމާކުރެވޭނެއެވެ. މި އަހަރުގެ ފުރަތަމަ ޕޭމަންޓް ދޫކުރުމަށްފަހު، ދެން ކޮންމެ ޕޭމަންޓެއްވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފީ ދެއްކި ކަމުގެ ރަސީދު ދަރިވަރުން degree@mohe.gov.mv  އަށް އީމެއިލްކުރުމުންނެވެ. އީމެއިލްގެ ސަބްޖެކްޓްގައި އެ ދަރިވަރެއްގެ ފުރިހަމަ ނަމާއި އައި ޑީ ނަންބަރު ލިޔުންއެދެމެވެ.

އެހެން ކަމުން ނިމިދިޔަ އަހަރު މިނިސްޓްރީއަށް ހާޑް ކޮޕީގެ ގޮތުގައި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތައް ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާނަމަ، ލަސްނުކުރައްވާ myedu.egov.mv މެދުވެރިކޮށް ރަޖިސްޓްރީވުމަށް މިނިސްޓްރީއިން އިލްތިމާސްކުރަމެވެ.

ދަރިވަރުންގެ ޕޭމަންޓްގެ މަޢުލޫމާތު ޕޯޓަލްގެ MY PAYMENTS  އިން ފެންނަން ހުންނާނެ ވާހަކަ ދަންނަވަމެވެ. މި ޕޭމަންޓްތަކުގެ ސްޓޭޓަސް ބަދަލުވަމުންދާނީ ދަރިވަރަށް ޕޭމަންޓް ދޫކުރަމުންދާ ތަރުތީބުންނެވެ. މި ތަރުތީބަކީ އަހަރުގެ ފުރަތަމަ މަހުން ކޯސް ފަށާފައިވާ ދަރިވަރުންނަށް ފުރަތަމަ ޕޭމަންޓް ޖަމާވާގޮތެވެ.

މިނިސްޓްރީގެ އަމާޒަކީ ޑިޖިޓަލްކޮށް މަސައްކަތްތައް ބައްޓަންކޮށް، މައުލޫމާތު ޕްރޮސެސްކުރުމަށް ނަގާ ވަގުތު މަދުކޮށް، ދަރިވަރުންނަށް އަވަސް ޚިދުމަތްތަކެއް ދިނުމެވެ.  އަދި ދަރިވަރުންނަށް ދޫކުރާ ފައިސާއަށް ދަރިވަރުން ޒިންމާވާކަން ކަށަވަރުކޮށް، ގިނަ ދަރިވަރުންތަކަކަށް މި ފުރުސަތު ފަހިކޮށްދިނުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ. ވީމާ، މިކަމަށްޓަކައި މި ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންވެސް އެއްބާރުލުންދިނުމަކީ މިމިނިސްޓްރީގެ އެދުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: