މަޖިލީހަކީ މިހާރު ރައްޔިތުންގެ މަޖިލީހެއް ނޫން، އަދި މިއީ ވަކި މީހަކަށް ނިސްބަތްވާ މަޖިލީހަށްވެފައިވާކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓު ގުރޫޕުން މިއަދު އޭސީސީއާއި ބައްދަލުކުރެއްވުމަށްފަހު ”ސަންގު“ އަށް ދެއްވި އިންޓަވިއުއެއްގައި ޒިޔާދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ބޮޑެތި މައްސަލަތަކެއް ލަސްވަމުންދާތީ އެކަން ކަމުގައި އަވަސް ހައްލެއް ހޯދުމަށް އެ ޕާޓީން ދަނީ މަސައްކަތް ތަކެއް ކުރަމުން ކަމަށެވެ. އަދި ކައުންސިލް އިންތިހާބާއި ގުޅިގެން ހުށައެޅިފައިވާ ވަރަށް ގިނަ މައްސަލަތަކެއް އެބަހުރިކަމަށާއި އަދި މި މައްސަލަތައް އަވަހަށް ގެންދިޔުމަށްޓަކައި އޭސީސީން މިހާރު މައްސަލަތައް ހައްލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރޭތޯ ކުރާނަމަ އެެއީ ކޮން މަސައްކަތްތަކެއްތޯ ބެލުން އެއީ އެއް ބޭނުންކަމަށް ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ކުރިން ވިދާޅުވަފައިވާ ބޮޑެތި މައްސަލަތަކަށް ވަނީ ރެކޮމޮޑޭޝަންތަކެއް ދެއްވާފައިކަމަށާއި، އަދި އެކަންކަން އޮތީ ކިހިނެއްތޯ ބެލުން ވެސް މިއީ މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ބޭނުންކަމަށެވެ.
ހުރިހާ މިނިވަން މުސައްސަސާތަކަށް ވެސް ދަނީ ކަނޑައެޅިފައިވާ ވަކި ތަރުތީބުންކަމަށް ވާތީ، އަދިވެސް އިތުރު މައްސަލަތައް ހުށަހަޅައި ކުރިޔަށް ދާނެކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި އެކަންކަން މަޖިލީސް ތެރެއިންނާއި ކޮމިޓީ ތެރެއިން ހައްލުކުރެވެން ހުރި މިންވަރަކީ ކޮބައިތޯ ދެނެގަނެ ދެވަނަ ފަހަރަށް އެ މުއައްސަސާތަކާއި ބައްދަލުކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒިޔާދް ވިދާޅުވީ މި މައްސަލަތަކަށް ހައްލެއް ލިބެންދެން ހުރިހާ މުވައްސަސާތަކަށް ވެސް ޕީޖީ މެމްބަރުން ދާނެކަމަށެވެ. އަދި ތަކުރާރުކޮށް ދާން ޖެހުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވި އެވެ.
އިދިކޮޅުގެ މެމްބަރުންގެ ފަރާތުންމަޖިލީހަށް ހުށަހެޅޭ ހުރިހާ މައްސަލަތަކެއް ޕީއެންސީގެ މެމްބަރުން ބޭރުކުރަމުންދާކަން ފާހަގަކުރައްވައި، ޒިޔާދު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ސަރުކާރުން އެއްވެސް ސަމާލުކަމެއް ނުދޭތީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިހާރުގެ މަޖިލީހަކީ މުޅި ރައްޔިތުންގެ މަޖިލީހެއްގެ ގޮތުގައި ފެނުމުގެ ބަދަލުގައި، އެއީ ވަކި ”ރައްޔިތެއްގެ“ މަޖިލީހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ޓްރެފިކް ގަވާއިދުތަކާ ހިލާފުވުމާ ގުޅޭގޮތުން ހުށަހެޅި ބިލާއި، ގާނޫނުއަސާސީއަށް ހުށަހެޅުނު ބައެއް އިސްލާހުތައް ބޭރުކޮށްލާފައިވާކަން ޒިޔާދު ފާހަގަކުރެއްވިއެވެ. އަދި ބައެއް ބިލުތައް ކޮމިޓީ މަރުހަލާގައި 9 މަހާއި 10 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް ވިދާޅުވީ ބިލުތައް ކޮމިޓީގައި ތާށިކޮށްފައި ވަނީ ސަރުކާރުން އެގޮތް ބޭނުންވާތީ ކަމަށެވެ.

