ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަވައިފިއެވެ.
މި ބަދަލުތަކުގެ ތެރޭގައި ބައެއް ވުޒާރާތައް އުވައިލެއްވުމާއި، މުޅީން އަލަށް ވުޒާރާއެއް އުފެއްދެވުމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރެއްވުމާއި އިދާރާތަކުގެ ބެލެނިވެރިކަން ބަދަލުކުރެއްވުން ހިމެނެއެވެ.
މި ބަދަލުތަކުގެ ދަށުން މުޅީން އަލަށް އުފެއްދެވި ވުޒާރާއަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އެވެ. މީގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް، ހަޔަރ އެޑިޔުކޭޝަން، ޔޫތު އެމްޕަވަރމަންޓް، ސިޓީސް އަދި އެގްރިކަލްޗަރ މިނިސްޓްރީގެ ނަމުގައި ހުރި ބައެއް ވުޒާރާތައް ވަނީ އުވައިލައްވާފައެވެ.
ވުޒާރާތަކުގެ ނަންތަކަށް ގެނައި ބަދަލުތައް
ސަރުކާރުގެ ގިނަ ވުޒާރާތަކެއްގެ ނަން ވަނީ އެ ތަންތަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ބަދަލުކުރައްވާފައެވެ. އޭގެ ތެރޭގައި:
- މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
- މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
- މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
- މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
- މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
- މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ވުޒާރާތަކަށް ގެނައި ބަދަލުތަކާއެކު، ބައެއް އިދާރާތަކުގެ ބެލެނިވެރިކަން ވެސް ވަނީ ބަދަލުކުރައްވާފައެވެ. އެގޮތުން ”ނޭޝަނަލް ކެރިއަރސް ސަރވިސް“ މިހާރު ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރައްވާފައެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (MQA)، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކް ފަދަ ތަންތަނުގެ ބެލެނިވެރިކަމަށް ވެސް ވަނީ ބަދަލުތައް ގެންނަވާފައެވެ.
މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި، ޚިދުމަތްތައް ދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ. މި ބަދަލުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

