މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، އަލްފާޟިލް ޙަސަން ރަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އަލަށް އައްޔަންކުރެއްވި ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ރަޝީދަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުަޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރުގެ މަގާމަށް އާ ބޭފުޅަކު މި އައްޔަންކުރެއްވީ ސަރުކާރުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ. ޙަސަން ރަޝީދަކީ ދިފާއީ ދާއިރާގެ މުހިންމު މަސްއޫލިއްޔަތުތަކެއް މީގެ ކުރިންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

