ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނުގެ ގޮތުގައި މިހާތަނަށް ހުންނެވީ ހީނާ ވަލީދުއެވެ. ނަމަވެސް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް އިއްޔެ ޢައްޔަން ކުރެއްވުމަށްފަހު ހީނާ ވަނީ އެ މަޤާމުން ރަސްމީކޮށް އިސްތިއުފާ ދެއްވާފައެވެ.
މީގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.
މީގެ އިތުރުން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު 2007 އިން 2008 އަށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އެމަނިކުފާނު އެންމެ ފަހުން އަދާކުރައްވާފައިވަނީ ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.

